ޚަބަރު

ފީފާ ވޯލްޑް ކަޕް 2026: ސްޕެއިން - ސަޢުދީ އަރަބިއްޔާ


  • ސްޓޭޑިއަމް: އެޓަލާންޓާ ސްޓޭޑިއަމް

  • މެޗު ފަށާ ގަޑި: 22:00

ފީފާ ވޯލްޑްކަޕްގެ ގްރޫޕް އެޗް ގައި މިރޭ ސްޕެއިން އާއި ސައުދި އަރަބިއްޔާ ބައްދަލުކުރާއިރު ފުރަތަމަ ކުޅުނު މެޗު އެއްވަރުވެ ދެ ޓީމަށްވެސް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ. އެހެންކަމުން މި މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.

ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އިން ކޭޕް ވާޑޭ އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެފައިވާއިރު ސައުދި އަރަބިއްޔާ އިން ވަނީ އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް ޕޮއިންޓެއް ހޯދާފަ އެވެ.

އެމެރިކާގެ އެޓްލާންޓާގައި ކުޅޭ މި މެޗަށް ސްޕެއިން އާއި ސައުދި އަރަބިއްޔާ ނިކުންނައިރު, 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ވަނީ ބައްދަލުކޮށްފަ އެވެ. އެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނި ސްޕެއިން އެވެ.

1994 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ސައުދީ އަރަބިއްޔާއިން މަސައްކަތް ކުރަމުންދާއިރު, އެ ޓީމުގެ ކޯޗު ޖިއޯޖިއޮސް ޑޯނިސް ބުނެފައިވަނީ ސްޕެއިން އާއި ދެކޮޅަށް ނިކުންނައިރު އެ ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސައުދީ އަރަބިއްޔާގެ ޓީމުން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް ދެވަނަ ހާފުގައި ހެދުނު ގޯސްތައް ރަގަޅުކޮށް ސްޕެއިން އާއި ދެކޮޅަށް ކުޅޭ މެޗުން ރަގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި މި މެޗަށް ނިކުންނާނީ ސްޕެއިން އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ދެކިގެން ކަމަށްވެސް ޑޯނިސް ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ކޯޗު ލުއިސް ޑެލަފުއެންޓޭ ބުނެފައިވަނީ ފުރަތަމަ މެޗުގައި ކޭޕް ވާޑް އާއި ދެކޮޅަށް ކުޅުނު މެޗުން ލިބުނު ފިލާވަޅުގެ އަލީގައި މި މެޗަށް ނިކުންނައިރު ސްޕެއިން ތަފާތުވާނެ ކަމަށެވެ. އަދި އެ ނަތީޖާ އިން ސްޕެއިން ޕެރެޝަރ އަށް ވެއްޓިފައިނުވާ ކަމަށްވެސް ތަޖުރިބާކާރު ކޯޗު ވަނީ ބުނެފަ އެވެ. ސައުދި އަރަބިއްޔާ އާއި ދެކޮޅަށް ނިކުންނަ މެޗަށް ސްޕެއިންގެ ކުޅުންތެރިން ތިބީ ފުރިހަމައަށް ތައްޔާރުވެފަ އެވެ.

އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ގުޅިގެން ބާއްވާ ފީފާ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވުމުގެ އަޒުމުގައި ސްޕެއިން އިން މިރޭ ސައުދި އަރަބިއްޔާ އާއި ދެކޮޅަށް ނިކުންނައިރު ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނޭނެ ކަމަށް ގަބޫލުކުރެވެ އެވެ.