ޚަބަރު

ރަންވޭލާ ކެމްޕެއިން - ގިނަ ބައެއްގެ ބައިވެރިވުން ބޭނުންވޭ


އުމުރުން ދުވަސްވީ މީހުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން، އުމުރުން ދުވަސްވީ މީހުންނަށް ދަތިކަމެއް ނެތި ފަސޭހަކަމާއެކު ދިރިއުޅުމުގެ މަގު ފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން އުމުރުން ދުވަސްމީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކާއެކު ވިލަރެސްކުރެއްވުމާއި، އަތޮޅާއި ރަށު ފެންވަރުގައި އުފައްދާފައިވާ ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް މިނިސްޓްރީ އޮފް ފެމިލީ އެންޑް ޖެންޑަރ އެންޑް ފެމިލީން ގެންދަވަނީ ހިންގަވަމުންނެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްމަސައްކަތަކީ "ރަންވޭލާ" ގެ ނަމުގައި އެމިނިސްޓްރީން ފަށްޓަވާފައިވާ ޤައުމީ ފެންވަރުގެ ކެމްޕެއިނެވެ. އޯގަސްޓް މަހުގެ ސާދަވަނަ ދުވަހު ފެއްޓެވި މިކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ، މުޖުތަމަޢާއި ޢާއިލާގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއިއެކު، އެފަދަ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނޭ ގޮތްތައް މަގުފަހި ކޮށްދިނުމާއި، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރަން މަސައްކަތް ކުރެއްވުންކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މިކެމްޕޭންގެ ދަށުން ހިންގަވާ ހުރިހާ ޕްރޮގްރާމެއް މިހާރު ބ.އަތޮޅުގައި ހިންގަވާފައިވާ ކަމަށާއި، ވަރަށް ކައިރި މުސްތަޤްބަލެއްގައި އެހެން އަތޮޅުތަކުގައި މިޕްރޮގްރާމް ހިންގެވުމަށް ރާއްވަވާފައިވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14765327099882.jpg|ޖެންޑަރ މިނިސްޓަރ ޒެނީޝާ އުމުރުން ދުވަސްވީ ފަރާތަކާ ބައްދަލުކުރައްވަނީ / ފޮޓޯ: ޖެންޑަރ މިނިސްޓްރީ

"ރަންވޭލާ ކެމްޕެއިންގެ ދަށުން، ބަ.އަތޮޅުގެ ހުރިހައި ރަށެއްގައި ހެލްތުވޯކަރުންނާއި، ސޯޝަލް ވޯކަރުން ވަނީ ތަމްރީން ކުރެވިފައި. އޭގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށް، ޖަމްއިއްޔާތަކުގެ ބައިވެރިވުމާއެކު، ހޭލުން ތެރިކުރުވުމުގެ ޕްރޮގްރާމެއްވަނީ ކުރިޔަށްގެންދެވުނު. ހަމައެއާއެކު ބ.އަތޮޅުގެ ހުރިހައި ރަށެއްގައި ހެލްތު ސްކްރީނިންގް ޕްރޮގްރާމެއްވެސް ވަނީ ކުރިޔަށް ގެންދެވިފައި. ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ބޭނުންވޭ. މީޑިއާ އަކީ މިފަދަ ކެމްޕެއިންތަކުގައި މުހިންމު ރޯލެއް އަދާ ކުރާ ފަރާތަކަށްވާތީ، ހުރިހައި މީޑީއާ ތަކަށް ދައުވަތު ދީގެން މިނިސްޓްރީން ވަނީ "މީޑިއާ ސެންސިޓައިޒޭޝަން ޕްރޮގްރާމެއް" ވެސް ބާއްވާފައި. އެހެން އަތޮޅުތަކުގައިވެސް ރަންވޭލާގެ ޙަރަކާތްތައް ކުރިޔަށް ގެންދަންވަނީ ރާވާފައި." މިނިސްޓަރ ވިދާޅުވިއެވެ. 

ރަންވޭލާ ކެމްޕެއިންގެ ދަށުން މިހާރު ވަނީ އުމުރުން ދޮށީ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށްޓަވާފައެވެ. ފޭސްބުކް ޓްވިޓާ ފަދަ ސޯޝަލް މީޑިއާގެ ވަޞީލަތްތަކުގައި ހޭޝްޓޭގް "އަގު ވަޒަންކުރުން" ބޭނުންކޮށްގެން އުމުރުން ދޮށީ މީހުން މުޖުތަމައަށް ކޮށްދީފައިވާ މުހިންމު މަސައްކަތްތައް ބަޔާންކޮށް މި ހޭޝްޓެގް ބޭނުންކޮށްގެން މީޑިއާގައި ގިނަ މެސެޖްތަކެއް މިހާރު ދަނީ ދައުރު ކުރަމުންނެވެ. ޖެންޑަރ މިނިސްޓަރ ވަނީ، ވީހާވެސް ގިނަ ބޭފުޅުން މި ސޯޝަލް ކެމްޕެއިންގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.

img:http://s2.psmnews.mv/images/660x400/14765328206067.jpg|ޖެންޑަރ މިނިސްޓަރ ޒެނީޝާ އުމުރުން ދުވަސްވީ ފަރާތްތަކަކާއި ބައްދަލުކުރައްވަނީ / ފޮޓޯ: ޖެންޑަރ މިނިސްޓްރީ

"ރަންވޭލާ ކެމްޕެއިންގެ މަސައްކަތުގެ ތެރެއިން މިހާރު މިވަނީ ޚާއްޞަ ސޯޝަލް ކެމްޕޭނެއް ފަށާފައި. އެއީ ދޮށީ އުމުރުގެ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހޭޝްޓޭގަކާއެކު. އުންމީދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މިކަމުގައި ބައިވެރިވުން. ދޮށީ އުމުރުގެ ބޭފުޅުން މިޤައުމުގެ މިހިސާބަށް ގެނެސްދިނުމަށްޓަކައި، ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކުރުމުގައި ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް މި ސޯޝަލް ކެމްޕޭން ކުރިޔަށް ގެންދަން އަޅުގަނޑު ގޮވާލާން. އުންމީދު ކުރަން ވީހާވެސް ގިނަ ބޭފުޅުން މި ހޭޝްޓެގް ބޭނުންކޮށްގެން މިކެމްޕޭންގައި ބައިވެރިވާނެކަމަށް. " މިނިސްޓަރ ވިދާޅުވިއެވެ. 

"ރަންވޭލާ" ކެމްޕެއިންގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުމާއި، އަޅާލުމާއި، ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި، މި 3 ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، މުޖުތަމަޢުގެ އެކި ފަރާތްތަކަށް ޢަމާޒު ކުރައްވައިގެން ހޭލުންތެރި ކުރުމުގެ ސެޝަންތަކާއި، ތަމްރީން ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ކުރިޔަށްގެންދެވުމަށް ހަމަޖައްސަވާފައިވާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.