ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރު، ކިއުރަސާއޯ ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ. ކިއުރަސާއޯ ފުރަތަމަ ޕޮއިންޓް ހޯދީ ދެކުނުއެމެރިކާ ބައްރުގެ އެކުއެޑޯ ލަނޑެއްޖެހިޔަ ނުދީ ހިފަހައްޓައިގެންނެވެ.
ގްރޫޕް އީގެ މިމެޗު ލަނޑެއް ނުޖެހި އެއްވަރުވުމުގައި ކިއުރަސާއޯގެ ކީޕަރު އަދާކުރި ދައުރު ވަރަށް ބޮޑެވެ. މިއާމީ އެފްސީގެ 32 އަހަރުގެ ކީޕަރު އެލޯއީ ރޫމް ވަނީ މެޗުގައި 15 ބޯޅަ މަތަކޮށްފައެވެ. މިއާއެކު އޭނާ ވަނީ ވަރލްޑްކަޕް މެޗެއްގައި އެންމެ ގިނަ ސޭވް ކުރި އެމެރިކާގެ ކީޕަރު ހޮވާޑްއާ އެއްވަރު ކޮށްފައެވެ. އެމެރިކާ ކީޕަރު 15 ބޯޅަ މަތަކުރީ 2014 ވަނަ އަހަރުގެ ވަރލްޑްކަޕްގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުގައި އޭނާ 15 ބޯޅަ މަތަކުރީ އިތުރު ވަގުތާވެސް އެކުއެވެ. އަދި މެޗުގައި ކޮޅަށް ދެގޯލް ވަންވެސް މެއެވެ. އޭގެ ބަދަލުގައި ކިއުރަސާއޯ ކީޕަރު 15 ބޯޅަ މަތަކުރީ ކޮޅަށް ގޯލެއް ވަނަ ނުދީއެވެ.
މެޗު ފަށައިގެން އެންމެ ތިންވަނަ މިނިޓްގައި ކީޕަރު ރޫމް ބޯޅަތައް މަތަކުރަން ފަށަން ޖެހުނެވެ. އެނާ ވެލެންސިޔާ ފޮނުވާލި އެބޯޅައަކީ މެޗުގައި އެންމެ ނުރައްކާތެރި އެއް ބޯޅައެވެ. ފުރަތަމަ ހާފްގައި ރޫމް މަތަކުރި ހަ ބޯޅައިގެ ތެރޭގައި ޔޯން ޔެބޯއާ ފޮނުވާލި ބޯޅަވެސް ހިމެނެއެވެ.
މެޗުން މޮޅުވާން ކިއުރަސާއޯއަށް ވެސް ރަނގަޅު ފުރުޞަތެއް ލިބުނެވެ. ލީންޑްރޯ ބަކުނާ ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީއެވެ. އަދި ލިވިއާނާ ކޮމެނެންސިއާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ.
މިމެޗުގެ ކުރިން ކިއުރަސާއޯ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 7-1 ން ޖަރމަނީ އަތުން ބަލިވެފައެވެެ. އެހެންކަމުން ގްރޫޕް ސްޓޭޖް ފަހު މެޗުގައި އައިވަރީ ކޯސްޓް ބަލިކޮށްގެން ގަދަ 32 ޓީމްގެ ތެރެއިން ޖާގަ ހޯދޭނެއެވެ. އައިވަރީ ކޯސްޓް ވަނީ ރޭ ޖަރުމަނު އަތުން 2-1 ން ބަލިވެފައެވެ. އެކުއެޑޯ ފަހު މެޗުގައި ވާދަކުރަން ޖެހޭނީ ޖަރުމަނާއެވެ. އެކުއެޑޯ ފުރަތަމަ މެޗުގައި އައިވަރީ ކޯސްޓް އަތުން ބަލިވީ 1-0 ނެވެ. ދެ މެޗުން ހަ ޕޮއިންޓާއެކު ޖަރުމަނީ ވަނީ ދެވަނަ ބުރު ޔަގީން ކޮށްފައެވެ.