ދުނިޔެ

ޗައިނާއިން ބަންގްލަދޭޝްއަށް 24 ބިލިއަން ޑޮލަރުގެ އެހީއެއް ދެނީ


ބަންގްލަދޭޝްގެ އުމްރާނީ ތަރައްޤީއަށް އެހީތެރިވުމުގެ ގޮތުން ޗައިނާއިން 24 ބިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް އެއްބަސްވެއްޖެއެވެ.

ޗައިނާއިން ބަންގްލަދޭޝްއަށް 24 ބިލިއަން ޑޮލަރުގެ އެހީދިނުމަށް އެއްބަސްވެފައިމިވަނީ އެޤައުމުގެ ރައީސް ޝީ ޖިންޕިން މިހާރު ބަންގްލަދޭޝްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބަންގްލަދޭޝްއަށް ޤައުމަކުން މިހާތަނަށްދޭ އެންމެ ބޮޑު ލޯނުގެ އެހީއެވެ. މިލޯންގެ އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ހަކަތައިގެ ޕްލާންޓްތައް ޤާއިމްކޮށް، ކަނޑުގެ ޕޯޓްތަކާ އަދި ރެއިލްވޭތައް ތަރައްޤީކުރުމުގެ މަޝްރޫތަކަށް ބޭނުންކުރުމަށެވެ.

ޗައިނާއިން ދޭ ލޯން އެހީގެ ދަށުން ބަންގްލަދޭޝްގައި 25 މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އެއްހާސް ތިންސަތޭކަ ވިހި މެގަވޯޓްގެ ޕަވަރ ޕްލާންޓެއް އެކުލަވާލުމާ، އައްސޭރިފަށުގައި ބިޔަ ބަނދަރެއް ޤާއިމްކުރުމަށް ރޭވިފައިވާކަމަށް ބަންގްލަދޭޝްގެ ފައިނޭންސް މިނިސްޓްރީއިން މައުލޫމާތުދެއެވެ. އަދި ހައިވޭތަކާ، ރެއިލްވޭ ސިސްޓަމްތައް ތަރައްޤީކުރުމުގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ތަރައްޤީކުރުމަށްވެސް މިއެހީ ބޭނުންކުރާނެކަމަށް ބަންގްލަދޭޝްއިން ބުނެއެވެ.

img:http://s3.psmnews.mv/images/660x400/14765142373172.jpg|ޑާކާ، ބަންގްލަދޭޝް / ޗައިނާގެ ރައީސް ޝީ ޖިން ޕިން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަޞީނާއާ ބައްދަލުކުރައްވަނީ : ފޮޓޯ/ޒިންހުއާ

ބަންގްލަދޭޝްގެ އުމްރަނީ ތަރައްޤީގެ މަޝްރޫތަކަށް ޗައިނާއިން އެހީތެރިވުމަށް ނިންމާފައިމިވަނީ  އިންޑިއާއިންވެސް އަދި ޖަޕާނުންވެސް ބަންގްލަދޭޝްއަށް މިފަދަ އެހީތެރިކަންދެމުންދާ ދަޑިވަޅެއްގައެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާއާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަ ދައްކަވަމުން ޗައިނާގެ ރައީސް ޝީ ވިދާޅުވީ ބަންގްލަދޭޝްއަކީ ޗައިނާއަށް ވަރަށް މުހިންމު ޤައުމެއްކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޝީ ވިދާޅުވިއެވެ.

ޝީ ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅަކީ އިންޑިއާގެ ގޯއާގައި އޮންނަ ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ދަތުރެކެވެ.

ބްރިކްސް ސަމިޓަކީ ދުނިޔޭގެ ކުރިއަރަމުން އަންނަ އިޤްތިސޯދުތަކުން ހަދާފައިވާ ބްރިކްސް ބޭންކްގެ މެންބަރު ޤައުމުތަކުގެ މެދުގައި ބާޢްވާ ސަމިޓެކެވެ. މިއީ ތިރީސް އަހަރުގެ ތެރޭގައި ބަންގްދަދޭޝްއަށް ޗައިނާގެ ރައީސެއް ދަތުރުކުރެއްވި ފުރަތަމަ ފަހަރެވެ.