ފީފާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ހެއިޓީ ކޮޅަށް ފުރަތަމަ ހާފްގައި ޖެހި ތިން ލަނޑުން މޮޅުވެ، ބްރެޒިލް ގްރޫޕްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މެޗު ބްރެޒިލް ކާމިޔާބުކުރީ 3-0 ނެވެ.
ބްރެޒިލް މެޗުގެ ކުރިން މޮރޮކޯއިން ސްކޮޓްލެންޑް ބަލިކޮށްފައި ވުމުން، ތާވަލްގައި ކުރިއަށް ޖެހިލަން ބްރެޒިލްއަށް އޮތީ މޮޅުވާން މަޖުބޫރު ވެފައެވެ. އެރޫހުގައި ނިކުމެ ބްރެޒިލް އިން ފުރަތަމަ ހެއިޓީގެ ގޯލް ހުޅުވާލީ 11 ވަނަ މިނިޓްގައެވެ. އެކަމަކު ރަފީނިޔާ ބޯޅަ ގޯލަށް ފޮނުވާލިއިރު އޮފްސައިޑްގައި ހުރުމުން ގޯލް ބަލައިނުގަތެވެ. އޭގެފަހުންވެސް ރަފީނިޔާއަށް ލިބުނު ރަނގަޅު ފުރުޞަތެއް ބޭނުން ނުހިފި ދިއުމަށްފަހު، ބްރެޒިލްއަށް ލީޑް ނަގައިދިނީ ކޫންޏާ އެވެ. މިއީ ނޭމަރ ފޮނުވާލި ބޯޅައެއް ކީޕަރު މަތަކުރުމުން ނިކުއިން ވަގުތު ހެއިޓީގެ ޑިފެންޑަރ ސާފްކުރަން ފޮނުވާލި ބޯޅަ ކޫންޏާ ގައިގަ ޖެހިފަ ވަން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. އެކަމަކު ބްރެޒިލްގެ ދެވަނަ ލަނޑަކީ މިމެޗުގައި ފުރަތަމަ އެގާރައިން ޖާގަދިން ފޯވާޑް ކޫންޏާގެ މޮޅު ގޯލެކެވެ. 36 ވަނަ މިނިޓްގައި ވިނީ ދިން ހިތްގައިމު ބޯޅަ ކޫންޏާ ވައަތު ފައިން ފޮނުވާލުމުން އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ. ބްރެޒިލްގެ ތިންވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖެހީ މޮޅަށް ކުޅުނު ވިނީޝިއަސް އެވެ. ބްރެޒިލް ހާފް ތެރެއިން ކުރިއަށް ދިން ބޯޅައަށް އަރާ ވިނީޝިއަސް ގޯލަށް ފޮނުވާލީ އޭނާގެ ސްޕީޑް ބޭނުންކޮށްގެންނެވެ.
ފުރަތަމަ ހާފްގައި ބްރެޒިލްއަށް ކުރިމަތިވި ހަމައެކަނި ނުތަނަވަސްކަމަކީ ފޯވާޑް ރަފީނިޔާއަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. 40 ވަނަ މިނިޓްގައި ރަފީނިޔާ ބަދަލުކުރީ މެޗުގައި އިތުރަށް ކުޅެވޭވަރު ނުވެގެންނެވެ.
ދެވަނަ ހާފްގައި ހެއިޓީ ފެނުނީ ރަނގަޅަށް ކުޅެ، ކުރިއަށް ޖެހިގެން އެޓޭކް ކުރަން މަސައްކަތްކުރި ތަނެވެ. ނަތީޖާއެއްގެ ގޮތުން ރަނގަޅު ތިން ބޯޅައެއް ބްރެޒިލްގެ ކީޕަރު އެލިސަން ބެކާއަށް މަތަކުރަން ޖެހުނެވެ. އޭގެތެރެއިންވެސް 62 ވަނަ މިނިޓްގައި ޑިފެންޑަރ ރިކާޑޯ އަޑޭ ބޮލުން ފޮނުވާލި ބާރު ބޯޅަ ފާހަގަކުރެވެއެވެ. އެހެންނަމަވެސް މެޗުން ބަލިވުމުން ބާކީ މެޗެއް އޮއްވާ ހެއިޓީ ވަނީ މުބާރާތުން ކަޓާފައެވެ. މުބާރާތުން ކެޓި ފުރަތަމަ ޓީމަކީ ވެސް ހެއިޓީ އެވެ.
ދެވަނަ ހާފްގައި ބްރެޒިލްގެ ކޯޗު އެންޗެލޮޓީ ގިނަ ބަދަލުތަކެއް ގެނައެވެ. އެގޮތުން ޒުވާން ފޯވާޑް އެންޑްރިކްއަށް ފުރުޞަތު ދިނުން ހިމެނެއެވެ. އެންޑްރިކް ވަނީ 77 ވަނަ މިނިޓްގައި ގޯލަށް ބޯޅަވެސް ފޮނުވާލާފައެވެ. ނަމަވެސް ލަނޑެއް ކަމަށް ނިންމާ އުފާފާޅުކުރަމުން ދަނިކޮށް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. މެޗުގެ އިތުރު ވަގުތުގައި ހެއިޓީއިން ފޮނުވާލި ބޯޅަ މަތަކުރީ ކީޕަރު އެލިސަން ބެކާއެވެ.
މިމެޗުގައި ބްރެޒިލްއިން ޖެހި ތިން ލަނޑާއެކު ވަރލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ޓީމްގެ މަގާމްގައި އަނެއްކާވެސް އޮތީ ބްރެޒިލްއެވެ. މިމެޗަށް ބްރެޒިލް ނިކުއިންއިރު އެމަގާމްގައި އޮތީ ޖަރުމަނެވެ،
ބްރެޒިލް ހިމެނޭ ގްރޫޕް ސީގެ އެއްވަނައިގައި މިހާރު އޮތީ ބްރެޒިލްއެވެ. ބްރެޒިލްއާއި މޮރޮކޯ ވެސް އޮތީ 4 ޕޮއިންޓާއެކުއެވެ. ފަރަގަކީ ފައިދާ ގޯލެވެ.