ކުޅިވަރު

ޖަޕާނު މެޗުގައި ގެނައި ބަދަލުތައް ގޯސް، ޑެޕާއީގެ މުހިންމުކަން ބޮޑު: ކޫމަން


ވޯލްޑް ކަޕް ފުޓްބޯލަ މުބާރާތުގައި ޖަޕާން އަތުން 2-2އިން އެއްވަރުވި މެޗުގައި ނެދަލޭންޑްސް ޓީމުން ގެނައި ބަދަލުތައް ރަނގަޅު ނޫން ކަމަށް ކޯޗު ރޮނަލްޑް ކޫމަން ބުނެފި އެވެ.

"އަހަރެން އެކަމާ ޒިންމާވަން. އެ މެޗުގައި އަހަރުމެން ގެނައި ބަދަލުތައް ރަނގަޅެއް ނޫން. އަހަރުމެން އުއްމީދު ކުރީ މޮޅަކަށް. އެކަމަކު މޮޅު ނުވެވުމުގެ ފަހަތުގައިވާ އެއް ސަބަބަކީ ގެނައި ބަދަލުތައް ގޯސްވުން. މި މެޗުގައި (ސްވިޑްން މެޗުގައި) އަހަރުމެން އެކަންކަން ރަނގަޅު ކުރާނަން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ސްވިޑްން އަކީ ވަރަށް ރޭވުންތެރި ޓީމެއް ކަމަށާއި ހާއްސަކޮށް އެ ޓީމުގެ ދެ ފޯވަޑުން ކަމަށްވާ އާސެނަލްގެ ވިކްޓަރ ޔޯކެރެޝް އާއި ލިވަޕޫލްގެ އެލެގްޒެންޑާ އިސާކްގެ ކުޅުން ރަނގަޅު ކަމަށެވެ.

"އެންމެ ތަފާތު ކަމަކީ އެ މީހުން ވަރަށް ފަސޭހައިން ގޯލު ޖަހާ. މިއީ އަހަރުމެން ވަރަށް ވިސްނަން ޖެހޭނެ ކަމެއް. އަހަރުމެން އެ މީހުންގެ ފޯވަޑުންނާ މެދު ވިސްނަން ޖެހޭނެ،" ކޯޗު ބުންޏެވެ.

ނެދަލޭންޑްސް ޓީމުން އުނިވަނީ ގޯލު ޖަހާނެ މޮޅު ފޯވަޑެއްތޯ އެހުމުން ކޫމަން ބުނީ އެކަމަށް ހައްލު ހޯދަން އޭނާ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ގޮތުން ތަޖުރިބާކާރު ފޯވަޑް މެމްފިސް ޑެޕާއީ އަށް ޖަޕާން މެޗުގައި ކުޅުމުގެ ފުރުސަތު ލިބިފައި ނުވިނަމަވެސް މި މެޗުގައި އެކަން ބަދަލު ވެދާނެ ކަމަށެވެ.

"އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ހާއްސަކޮށް އޭނާގެ ތަޖުރިބާ މި ޓީމަށް މުހިންމު. އަހަރުމެން ބޭނުންވާ ކޮންމެ ވަގުތެއްގައި އޭނާ ހުންނާނީ ތައްޔާރަށް. އެކަމާ އަހަރެން ޝައްކެތް ނުކުރަން،" ކޯޗު ބުންޏެވެ.