އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާއި، ރައްޔިތުން އެދޭ އެދުންތައް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި ދަންނަވަން ބޭނުންވާ ވާހަކަތައް ދެންނެވޭނެ މަގު ފަހިކޮށްދެއްވުމަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ ތެރެއިން ރ. މާކުރަތަށް ކުރެއްވި ދަތުރުފުޅުގައެވެ.
އެ ރަށަށް އައި މާކުރަތުގެ ކުޑަކުދިންތަކެއް، ރައީސްއާ ވަކިން ބައްދަލުކުރައްވައި، އެކުދިން ބޭނުންވާ ކަންތައް ރައީސްގެ އަރިހުގައި ދެންނެވިއެވެ. އެކުދިން އެދުނީ އެ ރަށުގައި ފުޓްސަލް ދަނޑެއް އަޅައިދިނުމަށެވެ.
އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއުއަށް، އެ ކުދިން އެދުނު ގޮތަށް، އެ ރަށުގައި ދަނޑެއް އަޅައިދެއްވުމުގެ މަސައްކަތް ފެއްޓެވުމަށް ވަގުތުން އިރުޝާދުދެއްވިއެވެ.
ވަކި އުމުރެއް ބެއްލެވުމެއްނެތި، އެ އެދުމަށް ވަގުތުން އިޖާބަދެއްވައި، މިއީ ރައްޔިތުންނާ ގާތުން، ރައްޔިތުން އެދޭގޮތަށް ކަންކަން ކުރާ ސަރުކާރެއްކަން ހާމަކޮށްދެއްވިއެވެ. މިކަން ކުރެއްވީ ހަމައެކަނި ވިދާޅުވި ބަސްފުޅަކުން، ނޫނީ ވެވަޑައިގެންނެވި ވައުދަކުން ނޫނެވެ. އެއަށް އަމަލީ ސިފައެއް ގެންނަވައިގެންނެވެ.
ރައީސްގެ އިރުޝާދާ އެއްގޮތަށް، ކުޅިވަރާ ބެހޭ ވަޒީރުގެ ބެއްލެވުމުގެ ދަށުން ނުހަނު އަވަހަށް، މިދިޔަ އަހަރުގެ ތެރޭގައި އެ ދަނޑުގެ މަސައްކަތް ފެއްޓެވިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ނިންމާލީ މިދިޔަ މެއި މަހުގެ ކުރީކޮޅުއެވެ. އަދި ރައީސް ވެވަޑައިގެންނެވި ވައުދުފުޅު، ރަނުން ރަނަށް، އަކުރުން އަކުރަށް ފުއްދަވައިދެއްވައި، މާކުރަތުގެ ކުދިން އެދުނުގޮތަށް، މި ދަނޑު އިއްޔެ މިވަނީ ރަސްމީކޮށް ހުޅުވާފައެވެ. ރައީސްގެ ޙާއްސަ މަންދޫބެއްގެ ގޮތުން މާކުރަތަށް ވަޑައިގެން، މި ދަނޑު ހުޅުއްވައިދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.