އެފްއޭއެމް ތިންވަނަ ޑިވިޝަނުގައި ޓީއެފްޓީ ސްޕޯޓްސް ކުލަބް އަދި މުތްވެޔޮ ފްރެންޑްސް ބައްދަލުކުރި މެޗު، ތަފާތު ބޮޑު ނަތީޖާއަކުން ޓީއެފްޓީ ފްރެންޑްސް ކާމިޔާބުކޮށްފިއެވެ.
މާފަންނު އެއްނަންބަރު ޓާފްގައި ކުޅުނު މި މެޗު، ޓީއެފްޓީން ކާމިޔާބުކޮށްފައިވަނީ 0-8 ގެ ނަތީޖާއިންނެވެ.
މެޗު ފަށައިގެން ގިނައިރުތަކެއް ނުވެ، ޓީއެފްޓީން ވަނީ މުތްވެޔޮ ފްރެންޑްސްގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓު ތެރޭ 4 ގޯލު ކާމިޔާބުކޮށްފައެވެ. އަދި، ފުރަތަމަ ހާފު ނިމުނުއިރު އެޓީމުން ވަނީ 7 ގޯލު ކާމިޔާބުކޮށްފައެވެ.
މިމެޗުގައި ޓީއެފްޓިއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ 5 ލަނޑު ކާމިޔާބުކޮށްދިން ބިދޭސީ ކުޅުންތެރިޔާ، އަބޫމޭ އެވެ. ބާކީ ތިން ގޯލު ކާމިޔާބުކޮށްދީފައިވަނީ، އަޙްމަދު ސުހައިލް އަދި އަޙްމަދު ވަޖީހުއެވެ. މީގެ ތެރެއިން ސުހައިލް ވަނީ 2 ގޯލު ކާމިޔާބުކޮށްފައެވެ.
މުޅި މެޗުގައިވެސް ފެނިގެންގޮސްފައިވަނީ ޓީއެފްޓީން މެޗު ޑޮމިނޭޓުކުރި ތަނެވެ. މުޅި މެޗުގައިވެސް އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މެޗު އެއްކޮށް ކަހަލަ ގޮތަކަށް ކުޅެފައިވަނީ މުތްވެޔޮ ފްރެންޑްސްގެ ހާފު ތެރޭގައެވެ.