ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ރަށު ކައުންސިލްތަކުން އިންތިޒާމު ކޮށްގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތް ފަށައިފިއެވެ.
މި މުބާރާތް ފަށާފައިވަނީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައިވެސް މިމުބާރާތުގައި ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވެފައިވަނީ މި މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކުގެ ސަބަބުން ނޫން ކަމަށާއި މިކަމުން ދޭހަވަނީ މިފަދަ ހަރަކާތްތަކަށް މީހުން ޝައުޤުވެރިވާ މިންވަރު ކަމަށެވެ. އަދި މި ހަރަކާތް އިންތިޒާމް ކުރުމަށް ރަށްރަށުގެ ކައުންސިލުތަކުން އަދާކޮށްފައިވާ ދައުރު ފާހަގަކުރެއްވިއެވެ.
" މި މަސްރޭހަށް ހުޅުވާލުމުން ހުރިހާ އަތޮޅަކުންވެސް ބައިވެރިވި، އެ ރަށްތަކުގެ ކައުންސިލުތަކުން މިކަމުގައި އަޅުގަނޑުމެންނާއެކީގައި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަތޮޅުތެރެއިން ވެސް ގާތްގަނޑަކަށް 100 އެއްހާ ޓީމު އެބަ ބައިވެރިވޭ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މި މަސްރޭހުގައި ބައިވެރިވި ޓީމުތަކަކީ، ވަރަށް ތަޖުރިބާކާރު ޓީމުތަކެއްކަން ފާހަގަކުރެވޭ ކަމަށާއި، މިކަމަށް އާއިލާތަކުންވެސް ޓީމުތައް ހަދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިމުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން އެ ވުޒާރާގެ އިސްވެރިންނާއި މި މުބާރާތަށް ސްޕޮންސަރ ދީފައިވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިމުބާރާތް ސްޕޮންސަރ ކޮށްފައިވަނީ، ބެންކް އޮފް މޯލްޑިވްސްއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއި، މިފްކޯއާއި، ސަން އިންޓަނޭޝަނަލްސްއާއި، ހޮރައިޒަން ފިޝަރީޒްއާއި، ލިލީ އިންޓަނޭޝަނަލްސްއާއި އޯޝަން ވޯރިއާސްއާއި އެމްޕީއެލް އަދި ދިރާގުންނެވެ. އެވުޒާރާއިން ވަނީ މި މުބާރާތް ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ލިބެމުންދާ އެހިތެރިކަމަށް ޚާއްސަކޮށް ޝުކުރު އަދާކޮށްފައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއްވާ ގޮތުގައި މި މުބާރާތުގައި މާލެ ސިޓީން 18 ޓީމު ބައިވެރިވެއެވެ. އަދި މިޓީމުތަކުގައި ޖުމްލަ 190 ފަރާތެއް ހިމެނެއެވެ.
މީގެއިތުރުން މި މުބާރާތުގައި ރަށްރަށުންވެސް ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވެފައިވެއެވެ. އެވުޒާރާއިން ވިދާޅުވީ، މި މުބާރާތުގައި ޖުމްލަ 64 ރަށަކުން 91 ޓީމު ބައިވެރިވެފައިވާ ކަމަށެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި މުބާރާތުން 1 ވަނައަށްދާ ޓީމަކަށް 30000 ރުފިޔާ، 2 ވަނައަށްދާ ޓީމަކަށް 25000 ރުފިޔާ އަދި 3 ވަނައަށް ދާ ޓީމަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެޗްޑީސީގެ ފަރާތުން މާލެ ސަރަހައްދުން ވަނަތަކަށް ދާ ފަރާތްތަކަށް ޚާއްސަކޮށް އިނާމު ހުށަހަޅާފައިވާ ކަމަށް އެވުޒާރާއިން މައުލޫމާތު ދެއްވައެވެ.
އެޗްޑީސީން ވަނީ، މާލެ ސަރަހައްދުން 1 ވަނައަށް ހޮވޭ ފަރާތަކަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި 3 ވަނައަށް 5،000 ރުފިޔާ ހުށަހަޅާފައެވެ. އަދި މާލެ ސަރަހައްދުން ބައިވެރިވާ ޓީމަކުން އެންމެ ބަރުމަސް ބާނާ ފަރާތަކަށް އެޗްޑީސީން 2،000 ރުފިޔާ ހުށަހަޅާފައިވާ ކަމަށްވެސް އެވުޒާރާއިން މައުލޫމާތު ދެއްވައެވެ.
މާލެ ސިޓީ އިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 (ވިހި) ޓީމަށެވެ .
— Min of Fisheries, Agriculture and Ocean Resources (@MFAORmv) June 16, 2026
މާލެ ސިޓީ އިން މި މުބާރާތުގައި ބައިވެރިވުމަށް ބޭނުން ފުޅުވެލައްވާ ޓީމް ތަކުން ތިރީގައިވާ ލިކް މެދުވެރިކޮށް ގޫގްލް ފޯރިހަމަ… pic.twitter.com/S2TjFj3L3R
- ކެޓަގަރީ 1: ރަތްމަސް، ފިލޮޅު، ގިއުޅު، ހިބަރު، ކުރުމަސް އަދި ހަނދި
- ކެޓަގަރީ 2: ތޮޅި، ގިނިމަސް، މާނިއަމަސް، ފޮނިމަސް އަދި ފާނަ
- ކެޓަގަރީ 3: އެހެނިހެން މަސްތައް
މުބާރާތުގައި ޓީމުތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، ޕޮއިންޓް ދޭނީ ބޭނިމަސް ނިސްބަތްވާ ކެޓަގަރީއާއި ބަރުދަނަށް ބެލުމަށްފަހު ކަމަށް އެވުޒާރާއިން މައުލޫމާތުދެއްވައެެވެ.
ކެޓަގަރީ 1 ގައި ހިމެނޭ ކޮންމެ ކިލޯއަކަށް 20 ޕޮއިންޓް، ކެޓަގަރީ 2ގައި ހިމެނޭ ކޮންމެ ކިލޯއަކަށް 10 ޕޮއިންޓު އަދި ކެޓަގަރީ 3ގައި ހިމެނޭ ކޮންމެ ކިލޯއަކަށް 5 ޕޮއިންޓް ލިބޭނެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތުގެ އިތުރުން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެވުޒާރާއާއި އެޗްޑީސީން ގުޅިގެން މުޅިރާއްޖޭގައި ކުލަގަދަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.