ސިއްހަތު

އައިޖީއެމްއެޗްގެ އައު ޢިމާރާތުގެ ފުރަތަމަ ޝީޓް އަންނަމަހު އެޅޭނެ


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް - އައި.ޖީ.އެމް.އެޗްގައި 25 ބުރީގެ ޑައިގްނޯސްޓިކް ސެންޓަރެއް ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ޢިމާރާތުގެ ފުރަތަމަ ޝީޓްގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

މި ޢިމާރާތުގެ ފުރަތަމަ ބުރީގެ ޝީޓް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް - އައި.ޖީ.އެމް.އެޗުން ދެއްވާ ޙިދުމަތްތައް އިތުރަށް ފުޅާކުރައްވައި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ، އެއް ޢިމާރާތެއްގެ ދަށުން ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ ގޮތުން ބިނާކުރައްވާ 25 ބުރީގެ ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ޢިމާރާތް ކުރެއްވުމުގެ މަޝްރޫޢެވެ.

މި މަޝްރޫޢުގެ މަސައްކަތްތަކާއި ބެހޭ ގޮތުން ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން އައި.ޖީ.އެމް.އެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިރެކްޓަރ އަޙްމަދު މަޢުސޫމް ވިދާޅުވީ، ޑައިގްނޯސްޓިކް ސެންޓަރ ޢިމާރާތުގެ ފުރަތަމަ ބުރީގެ ޝީޓް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

ލިފްޓްގެ ފާރުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށާއި ފުރަތަމަ ސެލެބަށް ބޭނުންވާ ޕައިލްތަކާއި ސެލެބް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު ހުޅަނގުން ދަނީ ޕައިލް ކޮންސްޓްރަކްޝަންގެ މަސައްކަތް ދެބަޔަކަށް ބަހާލައިގެން މި ޢިމާރާތުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢުސޫމް ވިދާޅުވިއެވެ.

މި މަސައްކަތް މިހާރު ކުރިއަށްދާއިރު، މި ސެންޓަރުގެ ހުޅަނގުބައިގައި މިހާރު ކުރިއަށްދަނީ ޕައިލް ކޮންސްޓްރަކްޝަންގެ މަސައްކަތްތަކެވެ. ދެ ފިޔަވައްސަކަށް ބައްސަވާލައްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫޢުގެ ދަށުން ފުރަތަމަ ކުރިއަށްދާނީ ކޮންކްރީޓްގެ މަސައްކަތްތަކެވެ. އަދި، އެއަށްފަހު ރޭނުމާއި ފިނިޝިންގގެ މަސައްކަތްތައް ފަށްޓަވާނެ ކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

ޑޮކްޓަރަށް ދެއްކުމާއި، އެކްސްރޭއާއި ތަފާތު އެހެން ސްކޭންތައް ކުރުމާއި، ލެބޯޓްރީގެ ޚިދުމަތްތައް ފަދަ ގިނަ ޙިދުމަތްތަކެއް މި ޢިމާރާތުން ފޯރުކޮށްދެއްވާނެއެވެ. އަދި، އައި.ޖީ.އެމް.އެޗުން މިހާރު ދެއްވާ ހުރިހާ އައުޓްޕޭޝަންޓް ޙިދުމަތްތަކެއް މި ޢިމާރާތުން ލިބިގެންދާނެކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާއާއި ގުޅުން ހުރި، އަދި ޤައުމީ މުޙިއްމު ކޮންފަރެންސްތަކާއި ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމްވެސް އައު ޢިމާރާތުގައި ޤާއިމުކުރައްވާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.