ދުނިޔެ

ތައިލެންޑްގެ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން ހިތާމަފާޅުކުރުން


ތައިލެންޑްގެ ރަސްގެފާނު ބުމިބޮލް އަދުލްޔަދޭ އަވަހާރަ ވުމާގުޅިގެން އެޤައުމުގެ ރައްޔިތުން ހިތާމަ ފާޅުކުރަމުން އެބަގެންދެއެވެ.

އުމުރުފުޅުން 89 އަހަރުގެ ރަސްގެފާނު އަވަހާރަވީ ދިގުމުއްދަތެއްގައި އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު ބުރާސްފަތި ދުވަހުއެވެ. ރަސްގެފާނު އަވަހާރަވުމާއި ގުޅިގެން ތައިލެންޑްގެ ސަރުކާރުން ޤައުމީ ހިތާމަ އިޢުލާން ކޮށްފައިވާއިރު އެ ޤައުމުގެ އާންމުން ގެންދަނީ ރަސްގެފާނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އޭނާގެ ހަށިކޮޅު އޮތް ބެންކޮކްގެ ސިރީރާޖް ހޮސްޕިޓަލްގެ ކައިރިއަށް ޖަމާވަމުންނެވެ.

ތައިލެންޑްގެ ރަސްގެފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަދި ވަލީއުލްއަހްދު ޕްރިންސް ވަޖިރަލޮންކޯން، ރަސްކަމުގެ ތަޚްތަށް އިސްވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަތުމަށްޓަކައި އޭނާއަށް މުއްދަތެއް ދިނުމަށް އެދިވަޑައިގެންފައިވެއެވެ. ތައިލެންޑްގެ އަވަހާރަވި ރަސްގެފާނު ބުމިބޮލް އަދުލްޔަދޭ އަކީ އެ ޤައުމުގެ ރައްޔިތުންގެ އިޙްތިރާމާއި ތާޢީދު ވަރަށް ބޮޑަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރެއްވިތާ ގާތްގަނޑަކަށް 70 އަހަރު ވެފައިވެއެވެ.