ޚަބަރު

ރީ-ބްރޯޑްކާސްޓިންގގެ ފެންވަރު ރަނގަޅުކުރުމަށް ގޮވާލައިފި


ރީ-ބްރޯޑްކާސްޓިންގގެ ފެންވަރު ރަނގަޅުކޮށް އަގުހެޔޮ ޚިދުމަތެއް ޢާންމުންނަށް ދިނުމަށާއި، ކޮމިޝަނުން މި ސިނާޢަތް ކުރިއެރުވުމަށް އެކަށައަޅާފައިވާ ސިޔާސަތާ އެއްގޮތައް ޚިދުމަތް ދިނުމަށް ބްރޮޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު އެދިވަޑައިގެންފިއެވެ.

އޭނާ މިހެން ވިދާޅުވީ، ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން މި ޚިދުމަތް ދެމުންދާ ގޮތާއި އަދި މި ޚިދުމަތް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތާބެހޭ މަޢުލޫމާތު ހޯދުމަށް ދިރާގާއި ޕްލޭކާސްޓް ޕްރައިވެޓް ލިމިޓެޑް އާއިއެކު ބޭއްވި ބައްދަލުވުމުގައެވެ.  

ކޮމިޝަންގައި ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި ވާހަކަދައްކަވަމުން، ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވީ ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވާދަވެރި މާހައުލެއް ޤާއިމް ކުރެއްވުމަށް ކޮމިޝަނުން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ޝަހީބު ފާހަގަކުރެއްވިއެވެ.  

ދިރާގާއި ޕްލޭކާސްޓް ޕްރައިވެޓް ލިމިޓެޑާއި އެކު ބްރޯޑްކޮމުން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ދެ ކުންފުނިން ރީ ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދެމުންގެންދާ ގޮތާއި، ޚިދުމަތް ފުޅާކޮށް އައު ޚިދުމަތްތައް ތަޢާރަފް ކުރުމަށް ރާވާފައިވާ ކަންކަމާއި ގުޅޭ މަޢުލޫމާތު ކޮމިޝަނާއި ހިއްސާކޮށްފައިވެއެވެ.