މެސީގެ ތާރީޚީ ރެކޯޑްތަކުން ފީފާ ވަރލްޑްކަޕް 2026 ގައި ޗެމްޕިއަން އާޖެންޓީނާއިން ތިން ލަނޑުގެ ފެށުމެއް ހޯދައިފިއެވެ.
މެޗުގައި އަޖެންޓީނާގެ ތިން ލަނޑުވެސް ޖެހީ ކެޕްޓަން މެސީއެވެ. ގައުމީ ޓީމަށް ކުޅުނު 200 ވަނަ މެޗުގައި ޖެހި ތިން ލަނޑު ވެގެންގޮސްފައިވަނީ ވަރލްޑްކަޕްގައި މެސީގެ ފުރަތަމަ ހެޓްރިކަށެވެ. އަދި ވަރލްޑްކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ލިސްޓްގެ ކުރީގައި އޮތް ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ ރެކޯޑާވެސް މެސީ ވަނީ އަރާ ހަމަކޮށްފައެވެ. އެއީ 16 ލަނޑު ހަމަކޮށްގެންނެވެ.
މީގެއިތުރުން ހަވަނަ ވަރލްޑްކަޕެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފްވެސް މެސީއަށް ވަނީ ލިބިފައެވެ. މިޝަރަފް ލިބުނީ ގައުމީ ޖަރޒީގައި ކުޅުނު 200 ވަނަ މެޗުގައެވެ. މިރޭ ޕޯޗްގަލް ކުޅޭ މެޗުން ރޮނަލްޑޯއަށްވެސް އެޝަރަފް ލިބޭނެއެވެ.
މެޗުގައި މެސީ ފުރަތަމަ އަލްޖީރިޔާގެ ގޯލް ހުޅުވާލީ މެޗު ފަށައިގެން 4 ވަނަ މިނިޓްގައެވެ. ވަރަށް ހަމަޖެހިލައިގެން ޖެހި ހިތްގައި ގޯލް އޮފްސައިޑްވުމުން ބަލައިނުގަތަސް މުޅި މެޗުގައި ވަރަށް ހަމަޖެހިލައިގެން މެސީ ވަނަށް މޮޅަށް ކުޅެފައެވެ. މެސީގެ އޮފްސައިޑް ގޯލަށްފަހު 7 ވަނަ މިނިޓްގައި އަލްޖީރިޔާގެ ފަރެސް ޗައިބީވެސް ހިތްގައިމު ރީތި ގޯލެއް ޖަހާ އުފާފާޅުކުރިއެވެ. ނަމަވެސް ޓެކްނޮލޮޖީގެ ސަބަބުން ރެފްރީގެ ސަމާލުކަމަށް ގެނެސް އޮފްސައިޑްކަމަށް ނިންމިއެވެ.
މެސީ ވަރލްޑްކަޕްގެ 14 ވަނަ ގޯލް ޖަހާ ލިސްޓްގެ ތިންވަނައަށް ޖެހިލީ 17 ވަނަ މިނިޓްގައި ޑީ އޭރިޔާ ތެރެއަށްވަދެ، ވައަތު ފައިން ފޮނުވާލި މޮޅު ގޯލުންނެވެ. ބްރެޒިލްގެ ރޮނަލްޑޯ ވަރލްޑްކަޕްގައި ޖެހި ލަނޑުގެ އަދަދާ މެސީ އެއްވަރުކުރީ ދެވަނަ ހާފް ފަށައިގެން 9 ވަނަ މިނިޓްގައެވެ. އެއީ މިޑްފީލްޑަރ މެކް އަލިސްޓާ 25 ޔާޑު ދުރުން ފޮނުވާލި ބާރު ބޯޅަ އަލްޖީރިޔާގެ ގޯލް ބެލެހެއްޓި ޒައިނުއްދީން ޒިދާންގެ ދަރިފުޅު ލުކަ ޒިދާން މަތަކުރުމުން ރީބައުންސަށް ނިކުއިން ވަގުތު ހަމަޖެހިލައިގެން ގޯލަށް ބޯޅަ ފޮނުވާލައިގެނެވެ. ފަހަތުން ކީޕަރު ކުޅުނު ބޯޅަ އެޓޭކަކަށް ބަދަލުކުރުމަށް އަރިމަތިން ބޯޅަ ހުރަސްކޮށްލީވެސް މެސީއެވެ.
މެސީ ކެރިއަރުގައި ވަރލްޑްކަޕްގައި ފުރަތަމަ ހެޓްރިކް ހެދީ 75 ވަނަ މިނިޓްގެވެ. ޑީ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ މަތަކުރަން ކީޕަރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ލަނޑަށްފަހު މެސީ ވަނީ ބަދަލުކޮށްފައެވެ. މުޅި މެޗުގައިވެސް ތަފާތަކަށްވީ 2022 ވަނަ އަހަރުގެ ވަރލްޑްކަޕްގެ މޮޅު ކުޅުންތެރިޔާ މެސީއެވެ.
ގްރޫޕް ޖޭގައި އާޖެންޓީނާއާއި އަލްޖީރިޔާގެ އިތުރުން ހިމެނެނީ އޮސްޓްރިއާ އާއި ޖޯޑަން އެެވެ.