ފްރާންސްއަކީ ޝައްކެއްވެސް ނެތް ގޮތުގައި މި މުބާރާތް ކާމިޔާބުކުރުމުގައި އެންމެ ބޮޑު އެއް ފޭވަރިޓެވެ. ފާއިތުވީ ދެ ވޯލްޑް ކަޕުގެ ވެސް ފައިނަލުގައި ކުޅެ، 2018 ވަނަ އަހަރުގެ މުބާރާތުގައި ޗެމްޕިއަންކަން ހޯދި ޓީމަކީވެސް ފްރާންސެވެ.
އަނެއްކޮޅުން ސެނެގާލް އަކީ ވެސް މިހާރު ވަރުގަދަ ބާރެކެވެ. އެފްރިކާ ބައްރުގެ އެންމެ ނުރައްކާތެރި އެއް ޓީމެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ އެއް ގައުމު ކަމުގައިވާ ފްރާންސް އިން 17 ވަނަ ފަހަރަށް ފީފާ ވޯލްޑްކަޕަށް ނިކުންނައިރު, އެ ގައުމުން ވަނީ ފާއިތުވެދިޔަ އަށް ފަހަރުވެސް ވޯލްޑްކަޕްގައި ވާދަކޮށްފަ އެވެ. އަދި އަމިއްލަ ގައުމުގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ އިތުރުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕްގެ ޗެމްޕިއަންކަންވެސް ފްރާންސް އިން ވަނީ ހޯދާފަ އެވެ.
ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައިވެސް ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ޑިޑިއޭ ޑިޝޮމްޕްގެ އިރުޝާދުގެ ދަށުން ފްރާންސް އިން ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ މަތީ ފަންތީގައި ވާދަކުރަމުންދަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ފްރާންސް އިން ވަނީ 2021 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. އަދި މި ފަހަރުގެ ވޯލްޑްކަޕްގެ ފައިނަލުގެ ޖާގައެއް ފްރާންސް އިން ހޯދައިފިނަމަ ޑިޝޮމްޕް ވެގެންދާނީ ޖެހިޖެހިގެން ތިން ވޯލްޑްކަޕްގެ ފައިނަލުގައި ވާދަކުރާ ފުރަތަމަ ކޯޗަށެވެ.
2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި ހަނދާންތައް ފޮހެލުމަށް ފްރާންސް އިން މި ފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލާއިރު, އެ ޓީމުގައި ތިބި ނަން މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އުސްމާން ޑެމްބެލޭ, ކިލިއަން އެމްބާޕޭ, މައިކަލް އޮލިސޭ, ޑިޒަޔާ ޑުއޭގެ އިތުރުން ޝޯން ފިލިޕް މަޓޭޓާ ހިމެނެ އެވެ.
އެމެރިކާގެ އިތުރުން ކެނެޑާ އާއި މެކްސިކޯގައި ކުރިއަށްދާ ވޯލްޑްކަޕަށް ފްރާންސް ކޮލިފައިވެފައިވަނީ ޔޫއެފާ ކޮލިފައިންގެ ގްރޫޕް ޑީ ގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް މެޗަކުން ބަލިނުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގައި ދެން ހިމެނުނީ ޔުކްރޭން އާއި އައިސްލޭންޑްގެ އިތުރުން އަޒަރުބައިޖާން އެވެ.
ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ފްރާންސް އިން ވަނީ މި އަހަރުގެ ތެރޭގައި އެކުވެރިކަމުގެ ހަތަރު މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ޖޫން މަހު އައިވަރީ ކޯސްޓާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ބަލިވެފައިވީ ނަމަވެސް ފްރާންސް އިން ވަނީ ބްރެޒިލް އާއި ކޮލަމްބިއާގެ އިތުރުން ނޮދަން އަޔަރލޭންޑް ބަލިކޮށްފަ އެވެ.
ޖެހިޖެހިގެން ތިންވަނަ ފަހަރަށް ސެނެގާލް އިން ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު މިއީ ގައުމުން ވޯލްޑްކަޕްގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ.
2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދި ނަމަވެސް އެ ގައުމަށްވަނީ އޭގެ ފަހުން އެދެވޭ ކާމިޔާބީއެއް ހޯދޭ ގޮތް ނުވެފަ އެވެ. 2018 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާއިރު 2022 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ވަނީ ކަޓާފަ އެވެ.
2002 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ސެނެގާލް އިން ތާރީޚީ ކާމިޔާބީއެއް ހޯދިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ޕާޕޭ ތިއާއޯގެ އިރުޝާދުގެ ދަށުން ފްރާންސް އިން މި ފަހަރުގެ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ އެފްރިކާގެ ކޮލިފައިންގެ ގްރޫޕް ބީ ގައި ކުޅުނު 10 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ ހަތް މެޗުން މޮޅުވެ ތިން މެޗު އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި އެ ޓީމުން ޖުމްލަ 22 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ތިން ލަނޑެވެ.
އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ކުރިއަށްދާ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް ސެނެގާލް ނިކުންނައިރު, މި އަހަރުގެ ޖެނުއަރީ މަހު ނިމިގެންދިޔަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން 1-0 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކޮށް ހޯދި ނަމަވެސް އެ މެޗުގައި ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބުމާއި ގުޅިގެން އެ މައްސަލަ އެފްރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބެލުމަށްފަހު 3-0 ގެ ނަތީޖާއަކުން މޮރޮކޯ މޮޅުވި ކަމަށް ނިންމާ އެފްރިކާގެ ޗެމްޕިއަންކަން ސެނެގާލް އަތުން ނެގުމަށްފަހު ވަނީ މޮރޮކޯ އަށް ދީފަ އެވެ.
ސެނެގާލް އިން މި ފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލާއިރު އެ ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ސައުދި އަރަބިއްޔާގެ އަލް ނަސްރަށް މިހާރު ކުޅެމުންދާ ކެޕްޓަން ސަޑިއޯ މާނޭ އެވެ. އޭނާގެ އިތުރުން ހާލިދު ކުލިބާލީ, އެޑުއާޑް މެންޑީގެ އިތުރުން އިދްރީސާ ގުއާއޭ ފާހަގަކޮށްލެވެ އެވެ.