ޚަބަރު

އީރާން ބަލިކުރުން ވަރަށް މުހިއްމު: ރޫޑީ ގާސިއާ


  • ބެލްޖިއަމް އާއި މިސްރު ބައްދަލުކުރި މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ބެލްޖިއަމް އާއި މިސްރު ބައްދަލުކުރި މެޗު އެއްވަރު ވުމުން ދެވަނަ މެޗުގައި އީރާން އަތުން މޮޅުވުން ވަރަށް މުހިންމު ކަމަށް ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ހާމަކޮށްފިއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ގާސިއާ ބުނީ ރައުންޑް އޮފް 32 އިން ޖާގަހޯދާކަމަށް ވަނީނަމަ ދެވަނަ މެޗުގައި އީރާން އާއި މައްދަލުކޮށް މޮޅުވުން ވަރަށް މުހިންމު ކަމަށެވެ.

ގާސިއާ ބުނީ މިސްރާއި ބައްދަލުކުރި މެޗުން އެޓީމަށް މޮޅުވުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް ގާސިއާވަނީ މިސްރަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް މިމެޗުގައި ލިބުނުކަން ފާހަގަ ކޮށް އެޓީމުގެ ކުރިއަށް ކުޅޭ މުހަންމަދު ސަލާހް އާއި އޮމަރު މަރްމޫޝްގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލައިފައެވެ.

މީގެއިތުރުން ގާސިއާ ވަނީ އޭނާގެ ކުޅުންތެރިންނަށް މިމެޗުގައި ހެދިގެންދިޔަ ގިނަ ގޯސްތަކުގެ ވާހަކަވެސް ދައްކާފައެވެ. މިގޮތުން މާގިނައިން ބޯޅަ ގެއްލުވާލުމާއި އިދިކޮޅު ކުޅުންތެރިންނަށް މާގިނައިން ޕާސް ކުރެވިގެންދިޔަތަން ފެނިގެންދިޔަ ކަމަށެވެ.

އޭނާ ހާމަކުރިގޮތުގައި މިމެޗުގައި ބެލްޖިއަމްގެ ކުޅުންތެރިން ހެދި ގޯސް ތަކާމެދު ހައިރާންވި ކަމަށެވެ. ނަމަވެސް މިމެޗު ކުޅުނު ވަގުތުގެ ގޮތުން ހޫނުގެ އަސަރު ކުޅުންތެރިންނަށް ކޮށްފައިވާކަންވެސް އޭނާ ފަހަަގަ ކުރިއެވެ.

ގާސިއާ ބުނީ މިފަހަރުގެ މުބާރާތުގައި ފަސޭހަ އެއްވެސް މެޗެއް އޯންނާނެ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް އީރާންގެ މެޗަށް ރަނގަޅަށް ތައްޔަރުވެ އެމެޗު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ފުރަތަމަ މެޗުން މޮޅު ނުވެވުނު ނަމަވެސް އެމެޗުން ބަލިނުވެ ފަރުޖައްސާލެވުން އެއީވެސް ބަލިވުމަށްވުރެ ހިތްހަމަ ޖެހޭ ނަތީޖާއެއް ކަމަށެވެ.

މިގްރޫޕްގައި ދެން ހިމެނޭ ދެ ޓީމް ކަމަށްވާ އީރާން އާއި ނިއުޒީލަންޑް ބައްދަލުކުރި މެޗު އެއްވަރު ވުމުން ގްރޫޕްގައި ހިމެނޭ ހަތަރު ޓީމަށްވެސް މިވަގުތު ލިބިފައިވަނީ އެއް ޕޮއިންޓެވެ. މިމުބާރާތުގައި ބެލްޖިއަމް އާއި އީރާން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހުއެވެ.