ކުޅިވަރު

40 އަހަރުގައި ފުރަތަމަ މެޗުން ބަޠަލަކަށް!


  • އަހަރެމެން އައީ ގައުމަށްޓަކައި ހިތްވަރު ކުރަން، ވާދަކުރަން- ވޮޒިންހާ

މެޗުގެ ފަހު ކަށިގަނޑާއެކު ކެމެރާތައް އަމާޒުވީ 40 އަހަރުގެ ގޯލްކީޕަރު ވޮޒިންހާ އަށެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ސާފްކޮށް ފެނެއެވެ.

އެއީ އުފާވެރި ކަމުގެ ކަރުނައެވެ. އެންމެ 5 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ކޭޕް ވާޑް ވަރލްޑްކަޕަށް އަލަށް ކޮލިފައިވެ, ކުޅުނު އަލަތު މެޗުގައި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ހިފަހައްޓާ ތާރީޚީ ރެކޯޑް މޮޅެއް ހޯދުމުގެ ތައުރީފް އެންމެ ބޮޑަށް ހައްގުވާ ކުޅުންތެރިއަކީ ކީޕަރު ވޮޒިންހާ އެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައަކީ އެކަމުގެ އުފާވެރި ކަރުނައެވެ.

މުޅި މެޗުގައި 7 ބޯޅައެއް ވޮޒިންހާ މަތަކުރިއެވެ. އޭގެތެރޭގައި ފުރަތަމަ ހާފްގެ ފަހު 12 ވަރަކަށް މިނިޓްގެ ތެރޭގައި ސްޕެއިން އިން ފޮނުވާލި ރަނގަޅު ތިން ބޯޅައެއް ނުހަނު ހުށިޔާރުކަމާއެކު މަތަކޮށް, ވޮޒިންހާ ތަފާތު ހިތްވަރެއް ދެއްކިއެވެ.

ޕޯޗްގަލްގެ ދެވަނަ ޑިވިޝަންގައި ކްލަބް ފުޓްބޯޅަ ކުޅެމުން އަންނަ ކީޕަރު މުޅި މެޗުގައި ދެއްކި ހިތްވަރާއި ކުޅުމަކީ ހީރޯއެއްގެ ދަރަޖަ ލިބުން ހައްގު ކުޅުމެކެވެ. މެޗުގެ 90 މިނިޓާއި ދެ ހާފްގައި އިތުރަށް ލިބުނު 8 މިނިޓް ކުރި ހިތްވަރުގެ ނަތީޖާއަކީ މުޅި ދުނިޔޭގެ ސަމާލުކަން އޭނާއަށް ހުއްޓުމެވެ. އެންމެ 50 ހާސް މީހުން ފޮލޯކުރަމުން ދިޔަ އޭނާގެ އިންސްޓަގްރާމް ފޮލޯ ކުރާ މީހުންގެ އަދަދު 4 މިލިއަން ފަހަނަ އަޅާ ދިއުމެވެ.

މެޗަށްފަހު ވޮޒިންހާއާ އަމާޒުވި މައިގަނޑު ސުވާލަކީ އަދި އޭނާ ޖަވާބުދޭން ޖެހުނު ސުވާލަކީ ލޮލުން ފޭބި ކަރުނައާމެދު އޮތް ސުވާލެވެ. އޭނާ ބުނީ އޭނާ ބޮޑުވީ މާމައާ ކާފަ ކައިރީގައި ނަމަވެސް މިކާމިޔާބީ ލިބުނު އިރު އެމީހުން ދުނިޔޭގައި ނެތް ކަމަށެވެ. އެމީހުން ނިޔާވީ މީގެ މަދު އަހަރުތަކެއް ކުރިންނެވެ.

"
އެއީ އަހަރެންގެ ހުރިހާވެސް ބަޔަކީ. އަހަރެންގެ މުޅި ދިރިއުޅުމަކީ އެއީ. އޭގެއިތުރުން އަހަރެންގެ މަންމަ. ވިސާގެ ސަބަބުން މަންމައަށްވެސް މިތަނަށް ނާދެވުނު. ވިސާއަށް ދައްކަން ޖެހޭ ފައިސާ އަހަރެމެންނަށް ނުދެއްކުނު. އަހަރެން ބޭނުންވި މަންމަ މިތަނުގައި ހުންނަން.
ވޮޒިންހާ

ވޮޒިންހާ ބުނީ އެންމެ ފަސްލައްކަ މީހުންގެ އާބާދީގެ އެންމެ ވަރުގަދަ ހަތިޔާރަކީ އެމީހުންގެ މެދުގައި އޮތް ވަރުގގަދަ އެކުވެރިކަމާއި ގުޅުން ކަމަށެވެ. މުޅި ޓީމްވެސް މަސައްކަތް ކުރީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

"
އެންމެންވެސް ހީކުރީ އަހަރެމެން ވަރލްޑްކަޕަށް އައީ މަޖާކޮށްލަން, ހަމަ ކުޅެލަން ކަމަށް. ނޫން, އަހަރެމެން އައީ ވާދަކުރަން. އަހަރެމެން އައީ އަހަރެމެންގެ ގައުމަށްޓަކައި ހިތްވަރު ކުރަން.
ވޮޒިންހާ

ޔަގީނުންވެސް އެހިތްވަރު ކޭޕް ވާޑުން ކޮށްފިއެވެ. އެހުއްޓުވީ 50 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޔޫރަޕްގެ ޗެމްޕިއަނުންނެވެ. 2010 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނުންނެވެ. މިފަހަރުގެ ވަރލްޑްކަޕްގެ 3 ވަނަ އަށް އެންމެ އަގުބޮޑު ސްކޮޑެވެ. 1.26 ބިލިއަން ޔޫރޯގެ އަގު ބޮޑު ސްކޮޑެކެވެ. ކޭޕް ވާޑްގައި އޮތީ އެންމެ 55 މިލިއަން ޔޫރޯގެ ސްކޮޑެކެވެ.

ކޭޕް ވާޑްގެ ކޮންމެ ކުޅުންތެރިއަކާއި, ކޮންމެ ސަޕޯޓަރެއް އަދި ކޮންމެ ރައްޔިތެއްގެ ލޮލުން އޮހުރުނު ކަރުނައިގެ ސަބަބުތަކަކީ މިއީއެވެ. ކޭޕް ވާޑަށް ހަގީގަތުގައި ފުދި އިތުރުވެސް ވެއްޖެއެވެ. މިއީ މިފަހަރުގެ ވަރލްޑް ކަޕްގެ އެންމެ ސަޕްރައިޒް ނަތީޖާއަށް ނުވެ ނުދާނެއެވެ.