ޚަބަރު

ސައުދީ އާއި އުރުގުއޭ ވެސް އެއްވަރު


  • މެޗު އެއްވަރުވީ 1-1

ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ސައުދީ އެރެބިޔާ އަތުން އުރުގުއޭ އަށްވެސް މޮޅުނުވެވި، ދެޓީމް 1-1 ން އެއްވަރު ވެއްޖެއެވެ.

މިގްރޫޕްގެ ފެވަރިޓުންގެ ގޮތުގައި އޮތް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އަށް ކޭޕް ވާޑް އަތުން މޮޅުނުވެވި ބޮޑު ސަޕްރައިޒް ނަތީޖާއެއް ފެނިފައި ވަނިކޮށް، މިގްރޫޕްގެ ދެވަނަ މެޗުވެސް އެއްވަރުވުމުން ގްރޫޕްގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

ދެ ޓީމުން ދެހާފް ކޮންޓްރޯލް ކުރި މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ސައުދީ އެރެބިޔާ އިންނެވެ. ހާފް ނިމެން 4 މިނިޓަށް ވެފައި ވަނިކޮށް ލީޑް ނަގައިދިނީ އަލް އަމްރީ އެވެ. ކޯނަރަކުން ތަނަވަސްވި ފުރުޞަތެއްގައި ހަސަން އަލް ތަމްބަކްތީ ބޮލުން ފޮނުވާލި ބޯޅަ އުރުގުއޭ ކީޕަރުގެ ކޮންޓްރޯލްގެ ދަށަށް ބޯޅަ ނުގެނެވި ލިބުނު ފުރުސަތުގައި، ޑިފެންޑަރު އަލް އަމްރީ ވަނީ ބޯޅަ ގޯލަށް ފޮނުވާލާ ލީޑްގައި ފުރަތަމަ ހާފް ނިންމާލާފައެވެ.

އޭގެކުރިންވެސް ކޯނަރަކުން ތަނަވަސްކުރި ފުރުޞަތުގައި އަލް އަމްރީ ރަނގަޅު ބޯޅައެއް ފޮނުވާލިއެވެ. އެކަމަކު އުރުގުއޭ ކީޕަރު ފާނަންޑޯ މުސްލޭރާ ވަނީ ދިފާއުކޮށްފައެވެ.

ދެކުނު އެމެރިކާގެ އުރުގުއޭ އިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައިވަނިކޮށް މެކްސި އަރައުޚޯ ޖެހި ގޯލުންނެވެ. ފެޑެރީކޯ ވިނަސް ބޮލުން ފޮނުވާލި ބޯޅަ ސައުދީ ކީޕަރު މަތަކޮށް، އަތުން ޖައްސާ ފޮނުވާލުމުން ލިބުނީ މެކްސި އަރައުޚޯ އަށެވެ. އޭނާ ވަނީ އުރުގުއޭ ބަލިނުވެ ސަލާމަތްކޮށްދީފައެވެ.

މިނަތީޖާގެ ސަބަބުން ގްރޫޕް އެޗްގެ ހަތަރު ޓީމްވެސް އޮތީ ޕޮއިންޓަކާ އެކުއެވެ.

އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މެޗު ބަލަން 63،000 އެއްހާ ސަޕޯޓަރުން ވަނެވެ.