ޚަބަރު

ކޭޕް ވާޑޭ މެޗުގެ ނަތީޖާއިން އަރައިގަންނާނެކަމަށް ސްޕެއިންގެ ކޯޗު ހާމަކޮށްފި


ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި ކާބޯ ވާޑޭ އާއި ބައްދަލުކުރި މެޗުގައި ނިކުތް ނަތީޖާއާމެދު ކަންބޮޑުވާ ކަމަށާއި ނަމަވެސް މިކަމުން ސްޕެއިން އަރައިގަންނާނެ ކަމަށް އެޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، ޑެ ލަ ފުއެންޓޭ ބުނީ މިމެޗުން ހޯދަން ބޭނުންވި ނަތީޖާ ނުލިބުމުން ކަންބޮޑުވުން އިހްސާސް ކުރެވުނު ކަމަށެވެ. ނަމަވެސް އޭނާގެ ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި ދެން އަންނަ މެޗެއްގައި ސްޕެއިން ޓީމުގެ ކުޅުން ރަނގަޅު ވާނެކަމަށެވެ.

ކާބޯ ވާޑޭ އާއި ބައްދަލުކުރި މެޗު އެއްވަރު ވުމުން ސްޕެއިނުން މިވަނީ ބަލިނުވެ 32 މެޗު ހަމަކޮށްފައެވެ.

ޑެ ލަ ފުއެންޓޭ ފާހަގަ ކުރިގޮތުގައި ކާބޯ ވާޑޭ އާއި ކުޅެ އެއްވަރު ކުރުމަކީ ސްޕެއިނުން އެއްވެސް ގޮތަކަށް ރޭވި ގޮތެއް ނޫން ކަމަށާއި ނަމަވެސް މި ނަތީޖާއިން ދައްކުވާދެނީ ފުޓްބޯޅައިގެ ވާދަވެރި ކަމާއި އުނދަގޫކަން ކަމަށެވެ. މެޗެއް ކާމިޔާބު ކުރުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާ ދުވަސް ދުވަހާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މިމެޗުގައި ސްޕެއިނުންވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ޑެ ލަ ފުއެންޓޭ ބުނީ މެޗަށް ނިކުތުމުގެ ކުރިންވެސް އިދިކޮޅު ޓީމުގެ ޑިފެންސް ކުރާނެވަރު ވަރުގަދަ ކަމުން އުނދަގޫ ވާނެކަން އިހްސާސް ކުރެވުނު ނަމަށެވެ. މީގެއިތުރުން މިމެޗު މުބާރާތުގެ ފުރަތަމަ މެޗަށްވުމުގެ އަސަރުވެސް އޭނާގެ ކުޅުންތެރިންނަށް އިހްސާސް ކުރެވުނު ކަމަށެވެ.

ސްޕެއިންގެ ކުރިއަށް މިމެޗުގައި ކުޅުނު މިކޭލް އޮޔާރުޒަބާލް ބުނީ މިއީ އުނދަގޫ މެޗެއް ކަމަަށާއި އިދިކޮޅު ޓީމުން މިމެޗުގައި ކުރަންޖެހޭ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް އަދާކުރިކަމަށެވެ.

އޮޔާރުޒަބާލް ފާހަގަކުރިގޮތުގައި މިމެޗުގައި އެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފުގެ ކުރީކޮޅު އުފެއްދުނު ކަމަށާއި އެފުރުސަތު ތަކުގެ ބޭނުން ނުހިފުނީ ކަމަށެވެ. އެ ފުރުސަތު ތަކުގެ ބޭނުން ހިފުނު ނަމަ ނަތީޖާ ތަފާތުވެގެންދިޔައީސް ކަމުގަ އެވެ.

ސްޕެއިންގެ ޓީމުން ކާބޯ ވާޑޭ އެއީ ބަލިކަށި ޓީމެއްގެގޮތިގައި ނުބަލާ ކަމަށާއި އަދި މިމެޗުގައި ނިކުތް ނަތީޖާ އާމެދު އޭނާ ހައިރާން ނުވާ ކަމަށްވެސް ސްޕެއިންގެ ކޯޗު ފާހަގަ ކުރިއެވެ.

ކާބޯ ވާޑޭގެ ކޯޗު ޕެޑްރޯ ލެއިޓާއޮ ބްރީޓޯ ބުނީ ސްޕެއިން އާއި ދެކޮޅަށް ކުޅެ މެޗު އެއްވަރު ވުން އެއީ އެ ޤައުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެޤައުމުގެ ހުރިހާ ފަރާތްތަކުން މިމެޗު ބަލާނެކަން ކަށަވަރު ކުރާނެ ކަމަށެވެ.

މިއީ ހުވަފެނެއް ހަގީގަތަކަށް ވީ ދުވަސް ކަމަށެވެ. އަދި މިމެޗުގައި ސްޕެއިންގެ ގިނަ ހަމަލާ ތަކެއް ދިފާއު ކުރި ކާބޯ ވާޑޭގެ ކީޕަރ ޖޮސީމާރު ވޮޒީނިއާގެ ކުޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އުމުރުން 40 އަހަރުގެ ޖޮސީމާރުއެވެ.