ސިޔާސީ

ސީޔާސީ ޕާޓީތަކަށް ވަގުތުން ވަގުތަށް ފައިސާ ދޫކުރުމަށް ގޮވާލައިފި


ސީޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރައްވާ ފައިސާ ވަގުތުން ވަގުތަށް ދޫކުރުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މިއަދު ގޮވާލައިފިއެވެ.

އިދިކޮޅު އެމްޑީޕީއާ، އަދާލަތު ޕާޓީއާ، ޖުމްހޫރީ ޕާޓީއާ، ޑީއާރުޕީގެ އިތުރުން ސަރުކާރުން ހިންގާ ޕީޕީއެމްގެ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިހާރު އަމަލު ކުރައްވަމުން ގެންދަވަނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ހިލާފަށް ކަމަށެވެ. އަދި ޕާޓީތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ފައިސާ ހިފަހައްޓާ ޕާޓީތަކަށް އެކިގޮތްގޮތުން ދަތިކުރަމުންދާ ކަމަށް ޕާޓީތަކުން ތުހުމަތުކުރެއެވެ. އަދި އެކަމުގެ ސަބަބުން ޕާޓީތަކުގެ އަސާސީ ޤަވައިދާ އެއްގޮތަށް ފާޓީތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަން ހުރަހަކަށް ވެފައިވާކަމަށްވެސް އެ ބަޔާނުގައިވެއެވެ. މީގެއިތުރުން ރާއްޖޭގައި އާލާވަމުންދާ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ފުނޑުފުނޑުވެގެން ދިޔުމުގެ ބިރު ހީވެފައިވާކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕާޓީތަކަށް ފައިސާ ދޫކުރުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މި ހަފްތާތެރޭ ޕާޓީތަކަށް ފޮނުއްވި ސީޓީއެއްގައި ބުނެފައިވަނީ ޕާޓީތަކުގައި ހިންގުން ހަރުދަނާކޮށް ރަނގަޅުކުރުމުން ނޫނީ ޕާޓީތަކަށް ފައިސާ ދޫކުރެވެން އަދި ނެތްކަމަށެވެ. މިގޮތުން ބައެއް ޕާޓީތަކުން ކައުންސިލް ބައްދަލުވުންތައް ނުބާއްވާ ކަމަށާއި ބައެއް ޕާޓީތަކުގެ އިސްމަގާމުތަކުގައި މީހުން ނެތުމުގެ އިތުރުން އެތެރޭގެ އިންތިޚާބުތައް ނުބާއްވާކަންވެސް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ފަސް ޕާޓީ ގުޅިގެން އެކުލަވާލި ބަޔާން އާއްމުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕާޓީ ތަމްސީލުކޮށްފައިވަނީ އެޕާޓީގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލް އަބްދުﷲ އަލީމެވެ.