ސިޔާސީ

"ކޮމަންވެލްތުން ވަކިވާން ނިންމެވީ ސިޔާދަތު ހިމާޔަތްކުރުމަށް"


ދިވެހިރާއްޖެއިން ކޮމަންވެލްތުން ވަކިވާން ނިންމަވާ، އެކަން ދިވެހި ސަރުކާރުން ރަސްމީކޮށް ހާމަކުރައްވައިފިއެވެ. ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމަވާފައިވާކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތުން ވަކިވާން ނިންމަވާ، އެކަން ދިވެހި ސަރުކާރުން ރަސްމީކޮށް ހާމަކުރައްވާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމާއި، ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލްއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވީ، ސަރުކާރުން މިގޮތަށް ނިންމެވީ، މިއީ ވަރަށް ދަތި އުނދަގޫ ނިންމެވުމެއްކަން އެނގިވަޑައިގެން ކަމަށާއި، ނަމަވެސް މިއީ ދިވެހި ޤައުމުގެ ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި ސަރުކާރުން އެޅުއްވި ވަރަށްވެސް މުހިއްމު ފިޔަވަޅެއް ކަމަށެވެ. މިނިސްޓަރ ޢާޞިމް ވިދާޅުވީ، ކޮމަންވެލްތަކީ މެމްބަރު ޤައުމުތަކަށް ޚާއްސަކޮށް ކުދި ޤައުމުތަކަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް މަސައްކަތް ކުރާ ރަނގަޅު މާޙައުލެއް ކަމަށް ދެކިގެން، އެ ޖަމިއްޔާގެ މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެއިން 1982 ވަނަ އަހަރު ބައިވެރިވީ ވަރަށް ފޮނި އުއްމީދުތަކަކާއެކުގައި ކަމަށެވެ. ނަމަވެސް ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި އެޖަމިއްޔާގެ ފަރާތުން ފެނިގެންދިޔައީ، ޑިމޮކްރަސީ ހަރުދަނާކުރުމަށް ކަމަށްބުނެ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ޤާނޫނު އަސާސީތަކަށް ފާޅުގައި ގޮންޖަހާ، އެކިކަހަލަ ބަޔާންތަކާއި، ރިޕޯޓްތައް ނެރެމުންދާ މަންޒަރު ކަމަށެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދެވީ، ކޮމަންވެލްތާއި ގުޅިގެން އެބޭފުޅުން ބޭނުންވި ކަހަލަ އިސްލާޙީ ބަދަލުތައް ގެނެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާ، އެކަންކަމަށް އޮތް ފުރުޞަތުތަކަކީ ކޮބައިތޯ ބަލައި މަސައްކަތް ކުރަމުން ކަމަށާއި، ނަމަވެސް މިއަދާ ހަމައަށްވެސް ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތްތައް އެޖަމިއްޔާއިން ބަލައިގެންފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14763680858020.jpg|ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް (ކ) ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް (ވ) - ފޮޓޯ: ޕީއެސްއެމް

"ރާއްޖޭގެ ދުސްތުރީ އަދި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރެއްވުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވަނީ 110 ޤާނޫނެއް ހައްދަވާފައި. މީގެތެރެއިން 94 ޤާނޫނަކީ ސީދާ ކޮމަންވެލްތުގެ މައިގަނޑު އަސާސްތަކާއި ގުޅޭ ޤާނޫނުތަކެއް. މި ޤާނޫނުތަކުގެ ތެރެއިން 69 ޤާނޫނަކީ އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށާއި، ޑިމޮކްރެޓިކް ގަވަރނެންސް ހަރުދަނާކުރުމާއި، ދަޢުލަތުގެ ބާރުތައް ވަކިކުރުމަށް ވާގިދޭ ޤާނޫނުތަކެއް. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ހަރުދަނާވެ، ސަރުކާރު ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައި. ނަމަވެސް މިކަންކަން ކޮމަންވެލްތުން މިއަދާއި ހަމައަށްވެސް ބަލައެއް ނުގަނޭ" ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވީ، ކޮމަންވެލްތުގެ ޗާޓަރުގައިވެސް ހިމެނޭ އެންމެ މުހިއްމު އެއް އަސާސަކީ އެއް ޤައުމު އަނެއް ޤައުމެއްގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތަކަށް ފުރިހަމައަށް އިޙްތިރާމްކުރުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށާއި، ޤާނޫނީ ނިޒާމުގެތެރެއަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރާނަމަ، އެއީ ދިވެހި ސަރުކާރުން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން 2012 ވަނަ އަހަރު ސީމެގްގެ އެޖެންޑާގައި ރާއްޖެހިމެނުމަށްފަހު، ކަންކަން ހިނގާދިޔަގޮތް ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.

"އެނގިވަޑައިގަންނަވާނެ 2012 ވަނަ އަހަރުވެސް ދިވެހިރާއްޖެ ސީމެގްގެ އެޖެންޑާއަށް ރަސްމީކޮށް ހުށައެޅުނު. 8 މަސްފަހުން އެމަސައްލަ ބަލާނިމުނުއިރު، ކޮމަންވެލްތުގެ ބައިވެރިވުމާއެކުގައިވެސް ފާހަގަކުރެވިގެންދިޔައީ ރާއްޖެއާމެދު ފިޔަވަޅު އެޅިގެންދިޔައީ އިންސާފުން ނޫންކަން. އެކަމުގެ ސަބަބުން ރާއްޖެއަށް އިޤްތިޞާދީގޮތުންނާއި، ސިޔާސީގޮތުންވެސް ވާނެ ގެއްލުމެއް ވަނީވެ ނިމިފައި. އަޅުގަނޑުމެންނަށް ޑިމޮކްރަސީގެ ނަމުގައި، އަދި ރޫލް އޮފް ލޯގެ ނަމުގައި އެކިކަހަލަ ގޮންޖެހުންތައް ކޮމަންވެލްތުގެ ފަރާތުން އަދި ސީމެގްގެ ފަރާތުން އައީ ލިބެމުން." އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވިއެވެ.

ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރުކަމުން ވަކިވާން ނިންމުމާއި ގުޅިގެން ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކާއި، ރާއްޖޭގެ ޢިޤްތިޞާދީ ދުވެއްޔަށް އެކަމުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ނުފޯރާނެ ކަމަށް މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަދި ބަންޑާރަ ނައިބުވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް ހުއްޓިގެންދާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ. ސަރުކާރުގެ ސިޔާސަތަކީ ކުރިއަށް އޮތްތާނގައިވެސް، އަވައްޓެރި ޤައުމުތަކާއި، އެހެން ޤައުމުތަކާ ދެމެދު އޮންނަ ޚާރިޖީގުޅުން މިހާރަށްވުރެ ވަރުގަދަ ކުރެއްވުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެވަކިވާން ސަރުކާރުން ނިންމަވާފައިވާއިރު، އެކަމާއި ގުޅިގެން އިދާރީގޮތުން ހަމަޖައްސަވަންޖެހޭ ކަންތައްތައް ހަމަޖެއްސެވުމުގެ ރަސްމީކަންކަން މިހާރު ކުރައްވަމުން ގެންދަވާކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ.