ދެ ރީޖަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ "ރާއްޖެ ޖޫނިއަރ" ބެޑްމިންޓަން މުބާރާތް، މާލޭ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ހޯލުގައި އިއްޔެ ފެށިގެން ކުރިއަށް އެބަދެއެވެ.
މުބާރާތް އިއްޔެ ފަށާފައިވާއިރު، މުބާރާތް ކުރިއަށްދާނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ އަދި ސެންޓްރަލް ރީޖަނަށް ބަހާލައިގެންނެވެ.
ގްރޭޓަރ މާލެ ޒޯނުގައި ހިމެނޭނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތަކުގެ ޓީމުތަކެވެ. ސެންޓްރަލް ޒޯނުގައި ހިމެނޭނީ ކ، އއ، އދ، ވ، މ، ފ މި އަތޮޅުތަކުން މުބާރާތުގައި ބައިވެރިވާ ޓީމުތަކެވެ.
މުބާރާތުގައި ހިމެނޭ އިވެންޓުތައް:
ގްރޭޑް 7/8 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
ގްރޭޑް 9/10 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
ގްރޭޑް 11/12 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
މީގެ ތެރެއިން އިއްޔެއިން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ ޓީމް އިވެންޓުތަކެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ އޯޕަން އިވެންޓުގެ މެޗުތަކެވެ.
މިއީ 2023 ވަނަ އަހަރުގެ ފަހުން ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތަށް ވާއިރު، ސްކޫލްތަކުގެ ފަރާތުން މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަސް ސެކެޓްރީ ރިޝާން މުޙައްމަދު ފާހަގަކުރެއްވިއެވެ.
އެގޮތުން، މުބާރާތުގެ ޓީމު އިވެންޓުގައި 9 ސްކޫލަކުން ޖުމްލަ 25 ޓީމެއް ބައިވެރިވެފައިވާ ކަމަށާއި، އޯޕަން އިވެންޓުގައި 20 ސްކޫލަކުން ޖުމްލަ 267 ކުޅުންތެރިން މުބާރާތުގައި ވާދަކުރެއެވެ.