ޚަބަރު

ކޮމަންވެލްތުން ވަކިވާން ދިވެހި ސަރުކާރުން ނިންމައިފި


ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމާފައިވާކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ. 

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމަވާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމެވެ. ފޮރިން މިނިސްޓަރ ވިދާޅުވީ ކޮމަންވެލްތުން ވަކިވާން ނިންމީ ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތު ހިމާޔަތްކުރުމަށްކަމަށެވެ. އަދި އެނިންމުން ނިންމެވީ ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްފަހުކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިނިންމެވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނޭކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ. އަދި މިކަން ކޮމަންވެލްތަށްވެސް މިއަދު ހުށަޙަޅުއްވާނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. 

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ އެޖެންޑާގައި ރާއްޖެ ހިމަނައިގެން ކުރައްވަމުންދާ މަސައްކަތުން ރާއްޖޭގެ ދާހިލީ އަދި ޤާނޫނީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރަމުންދާކަމަށެވެ. އަދި ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފަށް، ކޯޓުތަކުގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވަން ސަރުކާރަށް މަޖުބޫރުކޮށްފައިވާކަމަށް އަނިލް ވިދާޅުވިއެވެ. އަދި ހަމަތަކާއި އުސޫލުތަކުގެ ބޭރުން ފިޔަވަޅުއަޅާ، ދާހިލީ ކަންކަމުގެ ތެރެއަށް ކޮމަންވެލްތުން ބާރު ފޯރުވަން މަސައްކަތްކުރާކަމަށް އަނިލް ތުހުމަތުކުރެއްވިއެވެ.

ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމަވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، އެކަމަށް ބާރު އަޅަމުންދިޔަ ދަނޑިވަޅެއްގައެވެ. ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ރާއްޖެ ވެފައިވަނީ 1982 ވަނަ އަހަރެވެ.