ޚަބަރު

ފަހު މިނެޓުގައި އަމަދު ޖެހި ލަނޑުން އައިވަރީ ކޯސްޓަށް މޮޅެއް


  • މެޗުގައި އަމަޑް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި

  • މެޗުން އައިވަރީ ކޯސްޓު މޮޅުވީ 0-1 އިން

ފީފާ ވޯލްޑް ކަޕުގައި އިކުއެޑޯއާ ވާދަކޮށް 1-0 އިން އައިވަރީ ކޯސްޓް މޮޅު ވެއްޖެ އެވެ.

ގްރޫޕް އީގައި ހިމެނޭ މި ދެ ޓީމުން އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ބޮޑުބައެއްގައި ދެ ޓީމުގެ ފަރާތުންވެސް ލަނޑެއް ފެނިގެން ނުދެއެވެ.

68,274 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި، މެޗުގެ 90 ވަނަ މިނިޓުގައި ވިލްފްރެއިޑް ސިންގޯ ދިން ބޯޅައަކުން އައިވަރީ ކޯސްޓު މޮޅުކޮށްދިނީ އަމަޑް ޑިއާލޯއެވެ. މެންޗަސްޓަރ ޔުނައިޑެޑަށް ކުޅެމުން އަންނަ އަމަޑް މި ގޯލު ކާމިޔާބު ކުރި އިރު، އޭނާ މި މެޗުގައި ކުޅެން އެރީ 56 ވަނަ މިނިޓުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިކުއެޑޯގެ ޖޯން ޔެބޮއާ އާއި އެލަން މިންޑާގެ ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒު ވިއިރު، ދެވަނަ ހާފުގައި އެނާ ވެލެންސިއާގެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒު ވެފައިވެއެވެ. މެޗުގައި އެ ޓީމުގެ ހަމަލާއެއް ފުރަތަމަ ފަހަރަށް އޮން ޓާގެޓަށް ފޮނުވާލެވުނީ ފުރިހަމަ ވަގުތު ހަމަވާން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށެވެ. ނަމަވެސް އައިވަރީ ކޯސްޓްގެ ގޯލްކީޕަރު ޔަހްޔާ ފޮފާނާ ވަނީ އިކުއެޑޯގެ ގޮންޒާލޯ ޕްލާޓާ ފޮނުވާލި ހަމަލާ ދިފާއު ކޮށްފައެވެ.

މި ބައްޔާއެކު، އިކުއެޑޯއިން ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާއަށް ވެސް މިވަނީ ނިމުން އައިސްފައެވެ. ބަލިނުވެ އެ ޓީމުން 19 މެޗު ހަމަކޮށްފައިވާއިރު މި މެޗުގެ ކުރިން އެ ޓީމު އެންމެ ފަހުން ބަލި ވެފައި ވަނީ 2024 ގެ ސެޕްޓެމްބަރުގައި ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ 2014 ވަނަ އަހަރަށްފަހު އައިވަރީ ކޯސްޓުން ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހު ދެ މުބާރާތަށް އެ ޓީމު ކޮލިފައި ވެފައެއް ނުވެ އެވެ.

މި މެޗުން ހޯދި މޮޅާއެކު އައިވަރީ ކޯސްޓަށް ވަނީ ގްރޫޕް އީގެ ދެވަނަ ލިބިފައެވެ. އެއްވަނައިގައި ޖަރުމަނު އޮތީ ކުރަސާއޯ އަތުން 1-7 އިން ހޯދި މޮޅާއެކު، ތިން ޕޮއިންޓާއި ފައިދާ ހަ ގޯލާއެކުއެވެ. ތިންވަނައިގައި އެކުއެޑޯ އޮތްއިރު ފުލުގައި އޮތީ ކުރަސާއޯ އެވެ.