ޚަބަރު

ކާރިސާތަކުގައި ހާލުގައި ޖެހުނު މީހުންނަށް 24.8 މިލިއަން ރުފިޔާ!


"ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަސް" ރާއްޖޭގައި ފާހަގަކުރާތާ މިއީ 6 ވަނަ އަހަރެވެ. ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހުގެ މުނާސަބަތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު އިއްޔެ ދެއްވި ޚިޠާބުގައި ވިދާޅުވީ، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި މެދު ޤައުމީ ފެންވަރެއްގައި ވިސްނަންޖެހޭ ޢިލްމުވެރި މުޖުތަމަޢެއް ބިނާ ކުރެވޭނީ، ކާރިސާތަކަށް އިޖާބަދީގެން، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ އަސާސަށް، ތަރައްޤީއަށްޓަކައި ހިންގޭ މަޝްރޫއްތައް ބައްޓަން ކުރެވިގެންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޤުދުރަތީ ކާރިސާތަކާއި އިންސާނުންގެ އިހްމާލުން ކުރިމަތިވާ ޙާދިސާތަކުގެ ސަބަބުން ޙާލުގައި ޖެހޭ މީހުންގެ ޙާލު އަހުވާލު ބަލާ އެމީހުންނަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ވަރަށް ހަރުދަނާ ނިޒާމެއް ޤާއިމް ކުރައްވާފައިވާކަމަށެވެ. އަދި މިނިޒާމްގެ ތެރެއިން އެމީހުންނަށް އަސާސީ އަދި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް 2015 ވަނަ އަހަރުން ފެށިގެން ދައުލަތުން ކުރި ޚަރަދު ސައުވީސް ޕޮއިންޓް އަށެއް މިލިޔަނަށް އަރާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14636726837573.jpg|ތިމަރަފުށީގައި ފެން ހިއްކުމުގައި ބަޔަކު ހަރަކާތްތެރިވަނީ

"ކާރިސާތަކުގައި ޙާލުގައި ޖެހޭ ފަރުދުންގެ ޙާލު އަހުވާލު ގާތުން ބަލާ،ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެ،ކާރިސާތަކުގައި ޙާލުގައިޖެހޭ އަފްރާދުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތައް ފުއްދަވައިދެވޭނޭ ހަރުދަނާ ނިޒާމެއް ،ސަރުކާރުން މިހާރުވަނީ ޤާއިމްކުރައްވާފައި.މި ދެންނެވި ނިޒާމްގެ ތެރެއިން 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކާރިސާތަކުގައި،ޙާލުގައި ޖެހުނު ފަރުދުންގެ ޒަރޫރީ ކަންކަމަށާއި،ގެދޮރު މަރާމާތު ކުރުމަށާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ސައުވީސް ޕޮއިންޓް އަށެއް މިލިޔަން ރުފިޔާ ސަރުކާރުން ހޭދަކުރައްވާފައިވޭ.އަދި ކާރިސާތަކުގައި ޙާލުގައި ޖެހޭ ފަރުދުންނަށް އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސްގައި މިހާރުވަނީ ޑިޒާސްޓަރ ރިލީފް ލޯނެއް ތަޢާރަފް ކުރައްވާފައި" މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރުގެ ޚިޠާބުގައި ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށްވެސް އެކި މިންވަރުގެ ޤުދުރަތީ ކާރިސާތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށާއި މިދިޔަ އަހަރު އައްޑޫސިޓީއަށް ކުރި ވިއްސާރައިގެ ސަބަބުން ރާއްޖެއަށް ކުރުމަތިވާ ޤުދުރަތީ ކާރިސާތަކުގެ ބާރުގަދަކަން ތަޖުރިބާކުރެވިފައިކަން މިނިސްޓަރ ބަޔާންކުރެއްވިއެވެ. އެއްވެސް ހިލަމެއްނެތި،ކުއްލިޔަކަށް ވެހުނު ވާރޭގައި ދެގަޑިއިރުގެ ތެރޭގައި އައްޑޫސިޓިއަށް 288 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، މިއީ މީގެ ކުރިން 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖެއަށް ވާރޭ ވެހިފައިވާ ނުވާ މިންވަރެއްކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. 

img:http://s3.psmnews.mv/images/660x400/14609907968999.jpg|އަލިފާން ނިންވާލުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ރައީސުލްޖުމްހޫރިއްޔާ މަޑުކޮށްލައްވައިގެން

މިނިސްޓަރ ވިދާޅުވީ ޤުދުރަތީ ކާރިސާތަކާ އެކުއެކީގައި އިންސާނުންގެ ފުށުން ކުރިމަތިވާ ކާރިސާތައްވެސް މިއަހަރުގެ ތެރޭގައި ކުރިމަތިލާންޖެހިފައިވާލެއް ގިނަކަމަށެވެ. އެގޮތުން ހަމައެކަނި މިއަހަރުގެ ތެރޭގައިވެސް މިއަހަރު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ތިން ޙާދިސާއެއްގައި، މާއްދީ ބޮޑެތި ގެއްލުންތައް ލިބި، ބޯހިޔާވަހިކަން ގެއްލި، މުދާތައް ގެއްލިގެން ގޮސްފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. މިފަދަ ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅުއްވަމުންގެންދަވާ ކަމަށާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރެއްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން މިނިސްޓަރގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.