ދިވެހި ލީގުގެ 2026/27 ސީޒަން ކޮލިފައިންގ ގައި ހުރާ އަތުން ލިބުނީ އުނދަގޫ މޮޅެއް ކަމަށާއި، މެޗުގެ ބޮޑުބައިގައި ފެނިގެންގޮސްފައި ވަނީ ވަރަށް ހަމަހަމަ ކުޅުމެއް ކަމަށް ގދ.ގައްދޫ ޓީމުގެ ކޯޗު، މުޙައްމަދު ނަޒީހު ބުނެފިއެވެ.
މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނަޒީހު ބުނީ، މުޅި މެޗަށް ބަލާއިރު ފެނިގެންދިޔައީ ހަމަހަމަ ކުޅުމެއް ނަމަވެސް، ގައްދޫއަށް ދެވަނަ ގޯލު ޖެހުނު ހިސާބުން ހުރާ ކޮޅަށް މެޗު އެނބުރުނު ކަމަށެވެ.
ނަޒީހު ބުނީ ދެވަނަ ގޯލު ޖެހި ހިސާބުން ފެށިގެން މުޅި ޓީމު ޑިފެންސަށް ޖެހުނު ކަމަށާއި އެހެންކަމުން ހުރާ ޓީމަށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. އެވަގުތު ލީޑުގައި އޮތުމުން ކުޅުންތެރިން "އޮޓޯއިން" އެ ވިސްނުމަށް ދާނެކަމަށާއި އެވަގުތު ކުޅުންތެރިން ކުރިއަށް ގެންނަން މަސައްކަތްކުރި ނަމަވެސް އެއީ އިންސާނީ ފިތުރަތު ކަމަށް ނަޒީހު ބުންޏެވެ.
"މިހާރު އަނެއްހެން، ގައްދޫ ގޯލު ޖަހަންދެން، ދެވަަނަ ގޯލު ޖަހަންދެން ހަމަ ބެލެންސް ގޭމެއް ކުޅުނީ. އެހެން ނަމަވެސް ގައްދޫ ގޯލު ޖެހީމަ، އެއީ ހިއުމަން ނޭޗަރ އެއީ. އަންނާނެ މަޑުމަޑުން ޑިފެންސަށް. ކިތަންމެ ވަރަށް ގޮވިޔަސް އެމީހުން އަންނާނެ. އެއީ އެ ދިމާވި ސަބަބަކީ، އަނެއްހެން ގިނަ ވަގުތު ހުރައަށް ކުޅެން ލިބުނީ ފަހު ހާފުގަ ގޯލު ޖެހިފަހުން، އޭގެ ކުރިން ވަރަށް ބެލެންސް ގޭމެއް ދިޔައީ، ދެން ހަމަ ވަރަށް ބުރަ މަސައްކަތުން، ފެންނާނެ ވަރަށް ހާޑް ވޯކުން ވިންވި މެޗެއް." ނަޒީހު ބުންޏެވެ.
ގައްދޫ މިހާތަނަށް ކުޅެފައިވާ މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި ނޯތު ޒޯންގެ ޗެމްޕިއަން، ދިއްދޫއާ ވާދަކޮށް އެޓީމު ވަނީ 0-1 ގެ ނަތީޖާއިން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ސެންޓްރަލް ޒޯންގެ ޗެމްޕިއަން ހުރާއާ ވާދަކޮށް ގައްދޫ މޮޅުވެފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.
އެޓީމަށް ކުރިއަށް އޮތީ، އަންނަ ބުދަ ދުވަހު ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ.