ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގަތަރާ އެއްވަރުވެ، މުހިންމު ދެ ޕޮއިންޓް ގެއްލުނީ މެޗުގެ ފަހުބައިގައި ކުޅުންތެރިން ފަރުވާ ކުޑަވުމުން ކަމަށް ސްވިޒަލޭންޑްގެ ކޯޗު މުރަތް ޔަގީން ބުނެފި އެވެ.
އެމެރިކާގެ ސޭން ފްރޭންސިސްކޯ ބޭ އެރީނާގައި ކުޅުނު މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް ލީޑު ހޯދީ ވެސް ސްވިސް ޓީމުންނެވެ. ނަމަވެސް މެޗުގެ 17 ވަނަ މިނިޓްގައި ލިބުނު ލީޑް ނުހިފެހެއްޓުނީ ކޯޗުގެ ބަހުންނަމަ ހަދައިގެން ނުވާނެ ގޯސްތަކެއް ހަދައިގެންނެވެ.
"އަހަރުމެންގެ ޕްލޭނެއް އޮތް އަހަރުމެން ބޭނުންވީ ވަރަށް ބޮޑަށް ގޭމް ކޮންޓްރޯލް ކުރަން. ވަރަށް އެޓޭކް ކުރަން. އަހަރުމެން ރަނގަޅު ހަމަލާތަކެއް ވެސް އުފެއްދިން. އެކަމަކު ގޯލު ނުޖެހުނީ. އޭގެ ނަތީޖާއެއްގެ ގޮތުން އަހަރުމެން ކޮޅަށް ވަނީ. ދެ ޕޮއިންޓް މި ގެއްލުނީ،" ކޯޗު ބުންޏެވެ.
ޖުމުލަ 26 ބޯޅަ ގަތަރުގެ ގޯލަށް ޖެހިއިރު މި މެޗުގެ ފަހު ބައިގައި ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ދަށްވި ކަމަށް ވެސް ކޯޗު ބުންޏެވެ.
"ވަރަށް ތާކުންތާކު ނުޖެހޭ ބޯޅައެއް ގެއްލިގެން ބައިކޮޅަށް ވަނީ ގޯލު ވަނީ. މީގެ ސަބަބުން އަހަރުމެން ވަރަށް ދެރަވެއްޖެ. ދެން ކުރެވޭނެ ކަމަކީ މި މެޗުގައި ހެދުނު ގޯސްތައް ދެނެގަނެ ރަނގަޅު ކުރުން،" ކޯޗު ބުންޏެވެ.
މެޗުގެ ފަހު ބައިގައި އޭނާ ގެނައި ބަދަލުތަކާއެކު ޓީމުގެ ކުޅުން ދަށްވިތޯ އެހުމުން ކޯޗު ބުނީ މޮޅުނުވުމުގެ ޒިންމާ ނަގަންޖެހޭނީ އޭނާ ވެސް ހިމެނޭ ގޮތަށް މުޅި ޓީމު ކަމަށެވެ. އޭނާ ބުނީ އެމެރިކާގެ ގަދަ ހޫނުގެ ސަބަބުން ކޫލިން ބްރޭކް ދިން ނަމަވެސް ދަނޑުގެ ކޮންޑިޝަންތައް ބަދަލު ނުވާ ކަމަށާއި ބޯޅަ ކޮންޓްރޯލް ކުރުން ފަދަ ކަންކަން އުނދަގޫވި ކަމަށެވެ.