ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޖަރުމަނުވިލާތުން ކުޅޭ ފުރަތަމަ މެޗުގައި ކުރަސާއޮ އަންޑަރ އެސްޓިމޭޓް ކޮށްގެން ނުވާނެކަމަށް ޖަރުމަނުވިލާތުގެ ޑިފެންޑަރ ނީކޯ ޝްލޮޓަރބެކް ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ މިމެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ހާމަކުރިގޮތުގައި ކުރެސާއޮ އަންޑަރ އެސްޓިމޭޓް ނުކުރި ނަމަވެސް ޖަރުމަނުން މިމެޗަށް ނިކުންނާނީ ކާމިޔާބީ އަކާއިއެކު މުބާރާތް ފަށެމުގެ އުންމީދާއެކުއެވެ. ޖަރުމަނުވިލާތުން އެންމެ ފަހު ދެ ވޯލްޑް ކަޕްގައިވެސްވަނީ ފުރަތަމަ ބުރުން މުބާރާތަށް އަލްވަދާއު ކިޔާފައެވެ.
ޝްލޮޓަރބެކް ހާމަކުރިގޮތުގައި ކުރެސާއޮ ގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ނެދަލަންޑްސްގައި ޓްރެއިނިންގ ހަދާފައިވާ ކުޅުންތެރިންކަމަށެވެ. އެހެން ކަމުން އެޓީމު އަންޑަރ އެސްޓިމޭޓް ކުރުން ރަނގަޅު ނުވާނެކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ކުރެސާއޮއަކީ އަމިއްލަ ސަރުކާރެއް އޮތް ނަމަވެސް ނެދަލަންޑްސްގެ ބައެއްގެގޮތުގައި ބެލެވޭ ތަނެކެވެ. އަދި މިޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަކީވެސް ނެދަލަންޑްސްގެ ރައްޔިތުންގެ ނެވެ. މިޓީމުގެ ކޯޗަކަށް ހުރީވެސް ނެދަލަންޑްސްގެ ކޯޗެއް ކަމަށްވާ ޑިކް އެޑްވޮކާޓްއެވެ.
ޖަރުމަނުވިލާތުންވަނީ ކުރެސާއޮ މެޗުގެ ކުރިން އެޓީމުން ބާއްވާ އެންމެ ފަހުގެ ފަރިތަކުރުންތައް ބާއްވާފައެވެ. ޖަރުމަނުވިލާތުން އެންމެ ފަހުން ކުޅުނު 9 މެޗުވެސް ކާމިޔާބު ކޮށްފައެވެ. މިގޮތުން އެންމެ ފަހުން އެމެރިކާ އާއި ބައްދަލުކުރި މެޗުވަނީ 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައެވެ.
2014 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރިފަހުން މިހާތަނަށް ދެން ކުޅުނު ދެ ވޯލްޑް ކަޕްގައިވެސް ފުރަތަމަ ބުރުން މުބާރާތަށް ަލްވަދާއު ކިޔަން ޖެހިފައިވުމުން މިފަހަރުގެ މުބާރާތުގައި އެކަން ބަދަލުކޮށް ކާމިޔާބު މުބާރާތަށް ހެދުމަށްޓަކައި ކޯޗު ޖޫލިއަން ނާގްލެސްމަން އަންނަނީ މަސައްކަތް ކުރަމުންނެވެ.