ސްކޮޓްލަންޑްއިން ބޮޑެތި މުބާރާތް ތަކުގައި ވާދަކުރާއިރު މުބާރާތުގެ ފެށުން ރަނގަޅު ކުރަން ޖެހޭ ކަމުގައި އެޓީމުގެ ކޯޗު ސްޓީވް ސްލާކް ފާހަގަކޮށްފިއެވެ.
އޭނާ މިކަން ފާހަގަ ކޮށްފައިވަނީ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި މިރޭ ހައިޓީ އާއި ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ސްކޮޓްލަންޑްއިން މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަ މިކުރަނީ 28 އަހަރުގެ މެޗު ކެނޑުމަކަށް ފަހުއެވެ. ސްކޮޓްލަންޑްއިން އެންމެ ފަހުން ވާދަކުރި ޔޫރޯގެ ދެ މުބާރާތުގައިވެސް ފުރަތަމަ މެޗުންވަނީ ބަލިވެފައެވެ. މިގޮތުން 2024 ވަނަ އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނުވިލާތް އަތުން 5 ލަނޑު އެއް ލަނޑުން ބަލިވިއިރު 2020 ވަނަ އަހަރުގެ ޔޫރޯގައި ފުރަތަމަ މެޗުގައިވަނީ ޗެކް ރިޕަބްލިކް އަތުން ބަލިވެފައެވެ.
ސްކޮޓްލަންޓްގެ ކޯޗު ހާމަކުރިގޮތުގައި އޭނާގެ ޓީމު އޮތީ މިރޭ ހައިޓީ އާއި ބައްދަލުކުރާ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އަދި ސްކޮޓްލަންޑްއިން ހައިޓީއަށް ދޭންޖެހޭ ފުރިހަމަ އިހްތިރާމް ދޭނެކަމަށްވެސް ސްޓީވް ކްލާކް ފާހަގަކުރިއެވެ. ކްލާކް ފާހަގަކުރިގޮތުގައި 28 އަހަރަށްފަހު ވޯލްޑް ކަޕުން ޖާގަހޯދުމުން އޭނާ އާއި ކުޅުންތެރިންގެ ބޮލުގާ އެޅިފައިވާ ޒިންމާގެ އިހްސާސް 1974 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަހޯދާފައިވާ ހައިޓީއަށްވެސް އިހްސާސް ކުރެވެވޭނެކަމަށެވެ.
ސްކޮޓްލަންޑާއި ހައިޓީ ހިމެނެނީ ބްރެޒިލް އާއި މޮރޮކޯވެސް އެގްރޫޕަކަށް ނިސްބަތްވާ ގްރޫޕް ސީއަށް ކަމުން އެދެމެޗާއި ކުރިމަތިލާއިރު ފުރަތަމަ މެޗު ކާމިޔާބު ކުރެވިފައިވުމުގެ މުހިންމުކަން ސްކޮޓްލަންޑްގެ ކޯޗު ފާހަގކުރިއެވެ.