ނިމުނު ހަފުތާގައިވެސް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާދިޔައެވެ. (ޖޫން 6) މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފައިވާކަން އިޢުލާންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިކަން އިޢުލާނުކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައެވެ.
(ޖޫން 7) މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އާންމުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މައުލޫމާތު ދައުލަތުގެ ހުރިހާ ވުޒާރާއަކުން އާންމުކޮށްފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިއީ 2014 ވަނަ އަހަރު ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން ދައުލަތުގެ ހުރިހާ ވުޒާރާއަކުން މި މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރެވެ.
(ޖޫން 8) މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު އިސްތިއުފާދެއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އެ މަޤާމަށް ޙަސަން ޒަރީރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރައްވާފައިވަނީ ހަމަ އެދުވަހުއެވެ. މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި ހަސަން ޒަރީރު ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރ ކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ. (ޖޫން 10) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު އައްޔަންކުރައްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
(ޖޫން 7) ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ. ނިލަންދޫގައި ފާހަގަކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ނިލަންދޫގައި ބޭއްވި ޙަފްލާ ޝަފަރުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގެ ތެރެއިން އެމްއެފްޑީއޭގެ ލޯގޯ އިފްތިތާޙު ކުރުމާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހިންގާ ފަރާތްތަކަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވާ "ސަމާވަރު" ޕްރޮގްރާމް ވަނީ އިފްތިތާޙުކޮށްފައެވެ.
(ޖޫން 6) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ބައި އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤެވެ. މި އިންތިޚާބުގައި އޭނައާ ވާދަކޮށްފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުއެވެ.
(ޖޫން 10) މަސްތުވާތަކެތީގެ މައްސަލަތައް ތަހުޤީގުކުރުން ހަރުދަނާކުރުމަށް އައު ޤަވާއިދެއް އެކުލަވާލާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. މި ގަވާއިދަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ހޯދުމާއި، ތަހުލީލުކުރުމާ ގުޅޭގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ.
ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (ޖޫން 7) ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 ގައި ޚާއްސަ 'ކާމް ރޫމް' އެއް ހުޅުވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޤާއިމުކުރިތަނެކެވެ.
(8 ޖޫން) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އަށް ދީފައިވާ ކްރެޑިޓް ރޭޓިންގް މަތިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ފިޗުން ބީއެމްއެލްގެ 'ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް' (އައިޑީއާރު) އަށް 'ސީސީސީ-' އެއް ދީފައިވާއިރު، ބޭންކުގެ ކުރިމަގު އޮތީ 'ސްޓޭބަލް' ހާލަތެއްގައިކަމަށް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، ބޭންކުގެ އަމިއްލަ މާލީ ހާލަތު ވަރުގަދަކަން ފާހަގަކޮށް، ރާއްޖޭގެ ސޮވްރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތިން 'ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު' އަށް 'ސީސީސީ+'އެއް ވަނީ ކަނޑައަޅާފައެވެ.
ނިމުނު ހަފުތާގައި މިފްކޯއިން ވަނީ އެކުންފުންޏަށް މަސް ގަންނަ އަގު ބޮޑުކޮށްފައެވެ. (ޖޫން 7) އެގޮތުން އާދީއްތަ ދުވަހު މިފްކޯއަށް މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކުރުމަށްފަހު، (ޖޫން 9) އަންގާރަ ދުވަހުން ފެށިގެން މިފްކޯއަށް މަސް ގަންނަމުންދަނީ ކިލޯއެއް 20 ރުފިޔާއަށެވެ.
(ޖޫން 8) މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ފަަށާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. އެގޮތުން ސައިޓް ސެޓަޕް ހެދުމާއި ފަޔަރ ސްޓޭޝަން އަޅައި ސަރަހައްދު ސާފުކުރުމާއި ބިން ކޮނުމުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (ޖޫން 11) ޑިއުޓީގައި ކަނޑުމަތީގައި ހަރަކާތްތެރިވި ފުލުހަކު ނިޔާވި ޙަބަރު ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފުލުހުން މައުލޫމާތު ދެއްވާގޮތުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވީ ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ފުލުހުންގެ "ޕޮލިސް ލޯންޗް 57" ގައި ހަރަކާތްތެރިވަމުންދަނިކޮށް ކަމަށެވެ. އެގޮތުން އެ ލޯންޗުގައި ތިބި ފުލުހުންގެ ތެރެއިން އަޙްމަދު އާސިފް ގެއްލުނު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނާ ފެނުނީ މޫދު އަޑިން ކަމަށް ވިދާޅުވިއެވެ.
(ޖޫން 8) ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރުގެ ކުދިން ތަމްރީނަށް ޅ. މާފިލާފުއްޓައް ފުރާފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. ނޭޝަނަލް ސަރވިސް ޓްރޭނިންގގެ 3 ވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅުން 115 ރަށަކަށް ނިޞްބަތްވާ 64 އަންހެން އަދި 288 ފިރިހެން ޒުވާނުން ބައިވެރިވެއެވެ.
(ޖޫން 9) ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހުއެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ، 1000 ކޯޓާއެވެ. މިކޯޓާގެ ދަށުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުން ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
(12 ޖޫން) ކުލަގަދަ ރަސްމިއްޔާތަކާއެކު ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ވޯލްޑްކަޕް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއަހަރުގެ ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ. ދިވެހިންނާ ހަމައަށް މުޅިން ހިލޭ ވޯލްޑް ކަޕްގެ މެޗުތައް ގެނަސްދިނުމަށް ޕީއެސްއެމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި މުބާރާތާ ގުޅޭ ކަވަރޭޖަކީ އެންމެ ފުރިހަމަ އެއްޗަކަށް ހެދުމަށް ޕީއެސްއެމް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ދިވެހިންގެ މެދުގައި ވޯލްޑް ކަޕް ފޯރިގަދަ ކުރުމަށް ޕީއެސްއެމުން ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފައެވެ. އަދި ފޯރިގަދަ ސޯޝަލް މީޑިއާ ކެމްޕެއިންތަކާއި މުބާރާތްތައް ވެސް ޕީއެސްއެމުން ކުރިއަށް ގެންގޮސްފައިވެއެވެ.