މުނިފޫހިފިލުވުން

އައިޑަލް ސީޒަން 2 ގެ އޮފިޝަލް ބޭންކިންގ ޕާޓްނަރަކަށް ބީ.އެމް.އެލް


މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ އޮފިޝަލް ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ޕީ.އެސް.އެމްއާއެކު ސޮއިކޮށްފިއެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގެ އޮފިޝަލް ބޭންކިންގ ޕާޓްނަރަކަށް ބީ.އެމް.އެލް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ޕީ.އެސް.އެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. ބީ.އެމް.އެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހިލީއެވެ.

ބީ.އެމް.އެލްއަކީ ރާއްޖޭގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏަކަށްވެފައި، ވަކިން ޚާއްސަގޮތެއްގައި ޒުވާނުންގެ ހުނަރުވެރިކަމާއި، ފަންނުވެރިކަން ތަރައްޤީކުރުމަށް އެކުންފުނިން ދެއްވާ ޚާއްސަ ސަމާލުކަމާއި، އެއްބާރުލުން  ފާހަގަކުރައްވާ، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވަނީ މި ރަސްމިއްޔާތުގައި ބީ.އެމް.އެލްއަށް ޝުކުރުއަދާކުރައްވާފައެވެ. މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 މިމަހުގެ ފުރަތަމަ ދުވަހު ރަސްމީކޮށް ލޯންޗްކޮށްފައިވާއިރު، މި ޝޯވގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރުވެސް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މިފަހަރުގެ ޝޯވގެ އޮޑިޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ، މާލޭ ސިޓީ، ލ. ގަން، އަދި ބ. އޭދަފުށީގެ އިތުރުން ހދ. ކުޅުދުއްފުށީގައެވެ.