ޚަބަރު

ދިއްދޫ ފެށީ މޮޅަކުން


  • ދިއްދޫ މެޗު ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއިން

  • މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެއް

އަންނަ ސީޒަނުގެ ދިވެހި ލީގު ކޮލިފައިންގ ގައި ގދ.ގައްދޫ އާއި ހއ.ދިއްދޫ ބައްދަލުކުރި މެޗު، ނޯތު ރީޖަންގެ ޗެމްޕިއަން، ހއ.ދިއްދޫއިން ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ދިއްދޫއިން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު، ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ދިއްދޫ ޓީމުންނެވެ. އެގޮތުން، ގައްދޫ ކީޕަރު، އޭރިއާ ރޮނގުން ބޭރަށް ނުކުމެ ހުރި ދަނޑިވަޅެއް ބަލައިގެން، ދިއްދޫގެ ޔޫސިފް އައްފުލް ވަނީ ހާފް ރޮނގަށްވުރެ ކުޑަ ތަންކޮޅެއް ގައްދޫ އޭރިއާ ތެރެއިން ގޯލާ ދިމާލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން އެޓީމަށް ވަނީ މެޗުގެ ލީޑު ނަގަން އަނެއްކާވެސް ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް، ދިއްދޫ ކުޅުންތެރިން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، އެޓީމުގެ މުޙައްމަދު ޝަނާއު ނަޞީރު މުޅިން ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ގޯލު ޖެހުމަށް ގައްދޫއަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް މި ދެ ފުރުސަތުވެސް ނާކާމިޔާބުކޮށްލީ ދިއްދޫ ކީޕަރެވެ.

ދެވަނަ ހާފު ފަށައިގެން ގިނައިރުތަކެއް ނުވެ، ގައްދޫއިން ވަނީ ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. ނަމަވެސް، ޢާލިމް ޢަބްދުލް ޢަޒީޒް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، ގައްދޫ ކުޅުންތެރިއަކަށް ލިބޭގޮތެއް ނުވިއެވެ.

ދެވަނަ ހާފުގައި ގައްދޫއަށް ލިބުނު ދެވަނަ ފުރުސަތު، އޭގެ މިނެޓެއްހައިއިރު ތެރޭ އަޙްމަދު ރިފްޝާނަށް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

ދިއްދޫއިން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. މިއީ، ޙުސައިން ޝިފާހު ނަގައިދިން ހުރަހަކުން ޔޫސިފް އައްފުލް ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާ ހަމައަށްވެސް، ދެވަނަ ހާފުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވަނީ ގައްދޫ ޓީމުންނެވެ.

މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ގައްދޫއަށް ވަނީ ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިފައެވެ. މި ދެ ފުރުސަތުވެސް ލިބިފައިވަނީ ޢާލިމް ޢަބްދުލް ޢަޒީޒަށެވެ. އެގޮތުން، އަމިއްލަ ހާފު ތެރެއިން ފެށި ހަމަލާއެއް ލިބިގަނެގެން އޭނާ ފުރަތަމަ ފޮނުވާލި ހަމަލާ ދިފާއުކުރީ ދިއްދޫ ކީޕަރެވެ. ދިއްދޫ ކީޕަރު ދިފާއުކުރަން ޖައްސާލި ބޯޅަ އަލުން ހޯދައިގެން ޢާލިމް ވަނީ އިތުރު ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ދިއްދޫގެ އާދަމް ނަސީމް ވަނީ ގޯލު ރޮނގު މަތިން މި ހަމަލާ ސާފުކޮށްލާފައެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުގައި ގައްދޫއަށް، ރަނގަޅު ހިސާބަކުން ހިލޭޖެހުމެއް ލިބުނެވެ. ނަމަވެސް ދިއްދޫގެ ކީޕަރު ވަނީ ފަސޭހަކަމާއެކު މި ހަމަލާ ދިފާއުކޮށްފައެވެ.

ގައްދޫއިން ޕްލޭއޮފް ބުރުގައި ކުރިމަތިލާފައި ވަނީ ސައުތު ރީޖަންގައި ކުޅުނު 6 މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ދިއްދޫ އިން ނޯތު ރީޖަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ 6 މެޗުން 5 މެޗު ކާމިޔާބުކޮށް، 1 މެޗު އެއްވަރުކޮށްގެންނެވެ.

މި ދެޓީމަށް ކުރިއަށްހުރި މެޗުތަކަށް ބަލާއިރު ގައްދޫ އެންމެ އަވަހަށް ބައްދަލުކުރާނީ ސެންޓްރަލް ލީގުގެ ޗެމްޕިއަން، ކ.ހުރައާއެވެ. އަދި ދިއްދޫ އެންމެ އަވަހަށް ބައްދަލުކުރާނީ ދިވެހި ލީގުގެ މިދިޔަ ސީޒަންގެ 7 ވަނަ، ޓީސީ ސްޕޯޓްސް ކުލަބާއެވެ.