ތަޢުލީމު

ކަރުދާސް ރިސައިކަލް ކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި


ސްކޫލްތަކުގައި ކުނީގެ ގޮތުގައި އުކާލެވޭ ކަރުދާސް ރިސައިކަލް ކޮށްގެން ބޭނުން ކުރުމުގެ އެއްބަސްވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީއާއެކު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޑެޓް، ވެމްކޯއިން ސޮއިކޮށްފިއެވެ.

މާލޭ ސަރަޙައްދުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި މެނޭޖްކުރުމުގެ މަސައްކަތުގެ އިތުރުން، ކުންޏާއިގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވާ، ކުނި ރިސައިކަލް ކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ލިމިޑެޓް، ވެމްކޯއިން ތަފާތު ހަރަކާތްތަކެއް ހިންގަމުންދެއެވެ. އަޅުގަނޑުމެންގެ ތެރޭގައި މިހާރަކަށް އައިސް އެންމެ ގިނައިން ކުނީގެ ގޮތުގައި އުކާލެވޭ އެއްބާވަތަކީ ކަރުދާސްކަމަށްވެފައި، ކަރުދާސް ރިސައިކަލް ކުރުމަށް ބާރުއެޅުމުގެ ގޮތުން އެކުންފުނިން އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ސަރުކާރު މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުން މި މަސައްކަތަށް އިތުރުކުމުގެ ގޮތުން އެކިފަރާތްތަކާއެކު ވެމްކޯއިން ދަނީ ޚާއްސަ އެއްބަސްވުންތަކެއްގައި ސޮއިކުރަމުންނެވެ.

އެގޮތުން ސްކޫލްތަކުގައި ކުނީގެ ގޮތުގައި އުކާލެވޭ ކަރުދާސް ރިސައިކަލް ކޮށްގެން ބޭނުން ކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިޙާމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފުޢާދެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ސްކޫލްތަކުން އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ހަތަރު ސަތޭކަ ސާޅިސް ދެހާހަށް ވުރެ ގިނަ ފޮތް ބޭނުން ނުކުރާ ފޮތްތަކުގެ ގޮތުގައި އުކާލެވޭކަމަށެވެ. އަދި ކަރުދާހުގެ ނިސްބަތުން ބަލާނަމަ، އެއީ ގާތްގަނޑަކަށް 150 ޓަނުގެ ކަރުދާސްކަމަށާއި، ވެމްކޯއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން މިގޮތަށް އުކާލެވޭ ކަރުދާސް ރިސައިކަލްކޮށްގެން އަލުން ބޭނުންކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ.

"ރާއްޖޭގެ 212 ސްކޫލުގައި އަހަރު ނިމިގެންދާއިރު، ގާތްގަނޑަކަށް ހަތަރު ސަތޭކަ ސާޅިސް ދެހާހަށް ވުރެ ގިނަ ފޮތް ބާކީކުރަންޖެހޭ، އެއީ ކުދިން ބޭނުންކޮށްފައި ހުރި ފޮތްތައް. އެއީ ގާތްގަނޑަކަށް 150 ޓަނުގެ ކަރުދާސް. އަޅުގަނޑުމެންނަށް ސްކޫލުތަކުގައި އެފޮތްތައް ވެމްކޯގެ ފަރާތުން ގެންދަވައިގެން ރިސައިކަލްކޮށްގެން އެހެން ރަނގަޅު ބޭނުމެއް ކުރެވޭކަމަކީ އެއީ މިނިސްޓްރީ އުފަލާއެކު ބަލައިގަންނަކަމެއް" ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ވެމްކޯގެ ފަރާތުން ވާހަކަދައްކަވަމުން އެތަނުގެ ޗެއަރޕަރސަން ޢަލީ ޚާލިދު ވިދާޅުވީ، ކުނި ރިސައިކަލް ކުރުމާއި ގުޅޭގޮތުން ތަޢުލީމީ މުޤައްރަރުތަކުގެ ތެރެއިން މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދިޔަ ނަމަވެސް، އާއްމު ދިރިއުޅުމުގައި އެފަދަ ކަންކަމަށް ސަމާލުކަންދޭ މިންވަރު އަދިވެސް ދަރިވަރުންގެ މެދުގައި ކުޑަކަމަށެވެ. އެހެންކަމުން އެޑުކޭޝަން މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ސްކޫލްތަކަކީ ތިމާވެއްޓާ ވިހާވެސް ރައްޓެހި ތަންތަނަށް ހަދާ، ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުމަށް ތަފާތު މަސައްކަތްތަކެއް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލެއްގެ ގޮތުން އަޅުގަނޑުމެން މަގުމަތީގައި ދަމުން ބޯލާ ދަޅު އެބަފެނޭ، މަގުމަތީގައި ހުންނަ ޕެނަލް ބޯޑެއްގެ މަތީ ބެހެއްޓިފައި ހުންނަ މަންޒަރު. ނުވަތަ ސައިކަލެއްގެ ވަށިގަނޑެއްގައި ބެހެއްޓޭ މަންޒަރު. އަޅުގަނޑުމެން ހިތުން މި އެއްޗެހި އެއްލާނުލާ މި ބަހައްޓަނީ މަގުގެ ކޮންމެވެސް ތަނެއްގައި. ނަމަވެސް މިތަކެތި އެންމެފަހުން ވެގެންމިދަނީ މަގުމައްޗަށް އިތުރުވާ ކުނީގެގޮތުގައި. އެހެންކަމުން މިފަދަ ކަންކަމަށް ހޭލުންތެރިކުރެވިއްޖާ، މި މައްސަލައަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ" ޚާލިދު ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14762643719954.jpg|ޗައިނާ ސަރުކާރުން ސްކޫލްތަކަށް ހަދިޔާކުރި ޑަސްބިންތައް - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ސްކޫލްތަކުން ކަރުދާހުގެ ގޮތުގައި އުކާލެވޭ ކަރުދާސް އެޅުމަށް ބޭނުންކުރާނެ ޑަސްބިންތަކެއް އެޑިއުކޭޝަން މިނިސްޓްރީއާއި ވަނީ ޙަވާލުކުރައްވާފައެވެ. ޗައިނާގެ ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވާފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ފޫކަންގއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމެވެ.