ޚަބަރު

ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ޒުވަރޭވް ހޯދައިފި


  • މިއީ ޒުވަރޭވް ކާމިޔާބު ކުރި ގްރޭން ސްލޭމް ފުރަތަމަ މުބާރާތް

އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް ހޯދައިފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ދެވަނައަށް ސީޑު ކުރެވިފައިވާ ޒުވަރޭވް ކާމިޔާބު ކުރީ ފައިނަލްގައި ދިހަ ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ފްލާވިއޯ ކޮބޯލީ އާއި ބައްދަލުކޮށް ތިން ސެޓް ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ގްރޭން ސްލޭމް ފުރަތަމަ މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދިޔަ މިދެ ކުޅުންތެރިންގެ ކުރިމަތިލުން ވެގެންދިޔައީ ވާދަވެރި ވުމުގެ އިތުރުން ދެކުޅުންތެރިންގެ ފަރާތުން ހާސްކަމުގެ ތެރޭގައި ކުޅެމުންދިޔަތަން ފެނިގެންދިޔަ ފައިނަލަކަށެވެ. މިމެޗުގެ ފުރަތަމަ ސެޓު ވަރަށް ފަސޭހަ ކަމާއެކު ހައެއް އެކަކުން ކާމިޔާބު ކޮށްފައިވަނީ ޒުވަރޭވްއެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓު ކޮބޯލީވަނީ ހަތަރެއް ހަޔަކުން ކާމިޔާބު ކޮށް ހިތްވަރު އާކޮށްފައެވެ. އަދި ތިންވަނަ ސެޓް ހައެއް ހަތަރަކުން ޒުވަރޭވް ކާމިޔާބު ކުރިއިރު ހަތަރުވަނަ ސެޓު ވަރަށް ވާދަވެރި ކުޅުމަކަށްފަހު ޓައި ބްރޭކަކަށް ގޮސް ފަހެއް ހަތަކުން ކާމިޔާބު ކޮށްފައިވަނީ ކޮބޯލީއެވެ. ނަމަވެސް ވަރަށް ހިތްވަރާއެކު ކޮބޯލީ ދެ ސެޓް ދެ ސެޓުން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް ފަސް ވަނަ ސެޓުގައި މާރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. ނަތީޖާ އަކަށް ވީ، ހައެއް އެކަކުން ފަހު ސެޓް ކާމިޔާބު ކޮށް ޒުވަރޭވް އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ގްރޭން ސްލޭމް މުބާރާތެއްގެ ތަށި ކާމިޔާބު ކުރުމެވެ.

އުމުރުން 29 އަހަރުގެ ޒުވަރޭވް މިހާތަނަށް ގްރޭން ސްލޭމްގެ ތިން ފައިނަލެއްގައި ވާދަކުރި ނަމަވެސް މިހާތަނަށް އޭނާއަށް ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ޒުވަރޭވް ވެފައިވަނީ 2023 ވަނަ އަހަރަށް ފަހު ޔަނިކް ސިނަރ އާއި ކާލޯސް އަލްކަރާޒް ފިޔަވާ ގްރޭން ސްލޭމް މުބާރާތެއްގެ ފިރިހެން ސިންގަލްސް އިވެންޓް ކާމިޔާބު ކުރި ފުރަތަމަ ފިރިހެން ކުޅުންތެރިޔާއަށެވެ.