ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބްރެޒިލް ޓީމުގެ ޑިފެންޑަރ ވެސްލީއަށް އަނިޔާ ވުމާއި ގުޅިގެން އޭނާގެ ބަދަލުގައި އެޓީމަށް އެޑަރސަން ނަގައިފިއެވެ.
ބްރެޒިލް ޓީމުގެ ޑިފެންޑަރ ވެސްލީއަށް އަނިޔާވެފައިވަނީ މިފަހަރުގެ މުބާރާތައް ތައްޔާރުވުމުގެ ގޮތުން މިސްރާއެކު ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ ވެސްލީއަށް ލިބިފައިވާ އަނިޔާގެ ބޮޑު ކުޑަމިން އެނގޭނީ ސްކޭން ތަކަށްފަހުކަމަށެވެ. އަދި އެވަގުތު އޭނާ އަނިޔާއިން ރަނގަޅުވެ ޓީމާއެކު ދެމި ހުންނާނެ ކަމުގެ އުންމީދު އެންޗެލޯޓީ ފާޅު ކުރި ނަމަވެސް މިއަދު ހެދި ޓެސްޓް ތަކުން އޭނާއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން ވަގުތު ނަގާނެކަން ހާމަވެފައެވެ. ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ވަނީ ވެސްލީއަށް ލިބިފައިވާ އަނިޔާ އާއިމެދު ހިތާމަކުރާކަން ހާމަކޮށް އޭނާ އަބަދުވެސް ޓީމުގެ ހިއްސާއެއްގެގޮތުގައި ވާނެކަން ހާމަކޮށްފައެވެ.
ވެސްލީގެ ބަދަލުގައި ބްރެޒިލްގެ ޓީމަށް ނަގާފައިވާ އެޑަރސަން ވަނީ ނިމިދިޔަ ސީޒަންގައި އިޓާލިއަން ސެރީއާގެ އެޓަލާންޓާގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ އެންމެ ފަހުން ބްރެޒިލް ޓީމަށް ކުޅެފައިވަނީ މިދިޔަ އަހަރުގެ މާރޗްމަހުގެ ތެރޭގައެވެ. އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުމަށް ތައްޔާރުވަމުންދާ އެޑަރސަން މިރޭގެ ވަގުތެއްގައި ބްރެޒިލްގެ ޓީމާއި ގުޅޭނެއެވެ. މިފަހަރުގެ ވާރލްޑް ކަޕްގައި ބްރެޒިލް ހިމެނެނީ މޮރޮކޯ، ހައިޓީ އަދި ސްކޮޓްލަންޑާއެކު ގްރޫޕް ސީގައެވެ. އަދި މިފަހަރުގެ މުބާރާތަށް އެޓީމު ނިކުންނަނީ ފީފާ ވާރލްޑް ކަޕް ހަވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ އުންމީދާއެކުއެވެ.