ޚަބަރު

ޑީއާރު ކޮންގޯގެ އެކުވެރިކަމުގެ މެޗު ސަޕޯޓަރުން ނުވައްދާ ކުޅެން ނިންމައިފި


  • ޑީއާރު ކޮންގޯ އާއި ޗިލީގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފަރަންސޭސިވިލާތުގައި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެބޯލާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދިއުމުގެ ކަންބޮޑުވުންތަކާއެކު ވާރލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޗިލީ އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ރަހްމަތްތެރިކަމުގެ ފަހު މެޗު ކުޅިބެލުންތެރިން ނުވައްދާ ކުޅޭގޮތަށް ނިންމައިފިއެވެ.

ކުރިން ސްޕެއިންގެ ކާޑީޒްގައި ކުޅުމަށް ހަމަޖެހިފައިވި މިމެޗު މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހުގެ ރޭ ފަރަންސޭސިވިލާތުގެ ސިޓީއެއް ކަމަށްވާ އޯލިއޯންގައެވެ. ސްޕެއިންގައި ކުޅެން ހަމަޖެހިފައިވި މެޗު އެޤައުމުގައި ނުކުޅޭގޮތަށް ނިންމީ ސަލާމަތީ ސަބަބުތަކަށްޓަކައި ކާޑީޒްގެ މޭޔަރ އެމެޗު ނުކުޅެވޭގޮތައް ގަރާރެއް ފާސް ކުރުމުންނެެވެ.

1974 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވާރލްޑް ކަޕުން ޖާގަހޯދާފައިވާ ޑީއާރު ކޮންގޯއިން ވަނީ އެބޯލާ ވައިރަސް އެޤައުމުގައި ފެތުރެން ފެށުމާއެކު އަމިއްލަ ޤައުމުގައި ބޭއްވުމަށް ހަމަޖެެއްސި ޓްރެއިނިންގ ކޭމްޕް ކެންސަލްކޮށް ބެލްޖިއަމްގައި ކޭމްޕް ކޮށްފައެވެ. ކުޅިބެލުންތެރިން ނުވައްދާ މިމެޗު ކުޅެން ހުށަހަޅަމުން ޑީއާރު ކޮންގޯގެ ކޯޗު ސެބަސްޓިއެން ޑިސާބްރޭ ބުނީ އެޓީމުން ތިބީ އެއިރެއްގެ ހާލަތަށް ބަލާ އެޓީމުގެ ކަންތައްތައް ބަދަލުކުރަން ތައްޔާރަށްކަމަށެވެ.

މިފަހަރުގެ މުބާރާތަށް އެމެރިކާ ސަރުކާރުން އެކުލަވާލާފައިވާ ވައިޓް ހައުސް ޓާސްކް ފޯހުގެ އެގްޒެކެޓިވް ޑިރެކްޓަރ އެންޑްރޫ ޖިއުލިއާނީ ވަނީ ކޮންގޯގެ ޓީމުން ބެލްޖިއަމްގައި އެހެން ފަރާތްތަކާއި ވަކިން 21 ދުވަހުގެ މުއްދަތެއް ހޭދަކުރަން ޖެހޭނެކަން ހާމަކޮށްފައެވެ. އޭނާވަނީ އެކަން ނުކޮށްފިނަމަ އެޓީމަށް އެމެރިކާއަށް އެތެރެވުން މަނާކުރަން ޖެހިދާނެކަން ފާހަގަ ކޮށްފައެވެ. މައުލޫލާތުލިބިފައިވާގޮތުގައި ޑީއާރު ކޮންގޯގެ ހުރިހާ ކުޅުންތެރިންނަކީވެސް ޤައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންނަށް ވެފައި މިއިން އެއްވެސް ކުޅުންތެރިޔަކު ފަހަކަށް އައިސް އަމިއްލަ ޤައުމަށް ދަތުރު ކޮށްފައެއްނުވެއެވެ. ނަމަވެސް މިޓީމުގެ ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ފަރާތްތައް ކޮންގޯއަށް ދަތުރުކޮށްފައިވެއެވެ.

މިފަހަރުގެ މުބާރާތުގައި ޑީއާރު ކޮންގޯއިން ބޭސްވެ ތިބުމަށް ހަމަޖެހިފައިވަނީ ހިއުސްޓަންގައެވެ. އަދި ފުރަތަމަ މެޗުގައި ޖޫން މަހުގެ 17 ވަނަ ދުވަހު ނިކުންނާނީ ޕޯޗުގަލް އާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ކޮލޮމްބިއާ އާއި ދެކޮޅަށް ކުޅޭ މެޗަށް މެކްސިކޯގެ ގުއަޑަލަހާރާއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު ފަހު މެޗުގައި އުޒްބެކިސްތާން އާއި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެޓްލާންޓާގައެވެ.

ޑީއާރު ކޮންގޯގައި ފެތުރެންފެށި އެބޯލާ ވައިރަސްގެ ސްޓްރެއިން އެއް ކަމަށްވާ ބުންޑިބުންގްޔޯގެ އަސަރު މިހާތަށްވަނީ އެޤައުމުގެ 488 ރައްޔިތުންނަށް ކޮށް 86 ފަރާތެއް މަރުވެފައެވެ. އަދި މިވައިރަހުގެ އަސަރު މިހާރުވަނީ އަވައްޓެރި ޔުގެންޑާއަށްވެސް ފެތުރިފައެވެ. ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯ. އިންވަނީ މިކަން އާންމު ސިއްހަތުގެ ކުއްލި ހާލަތެއްގެގޮތުގައި ސިފަކޮށްފައެވެ.

މިފަހަރުގެ ވާރލްޑް ކަޕަށް އެފްރިކާ ބައްރުން މިލިއަނަކަށް ވުރެ ގިނަ ސަޕޯޓަރުން އެމެރިކާ، ކެނެޑާ އަދި މެކްސިކޯއަށް ދަތުރު ކުރާނެކަމަށް ބެލެވިފައިވާއިރު މިތިން ޤައުމުން ވަނީ ސަލާމަތީ ސަބަބު ތަކަށްޓަކައި ގުޅިގެން ހާއްސަ މިންގަނޑުތަކެއް ކަނޑައަޅާފައިވާކަން ހާމަކޮށްފައެވެ. މިގޮތުން އެފްރިކާ ބައްރުން ދަތުރު ކުރާ ރައްޔިތުން އެތެރެވާއިރު ބަލާނެ ހާއްސަ ކަންތައްތަކެއް ވަނީ ކަނޑައަޅައިފައެވެ. މިގޮތުން އެމެރިކާއިން ވަނީ ވޭތުވެދިޔަ 21 ދުވަހު ކޮންގޯ، ޔުގެންޑާ އަދި ދެކުނު ސޫދާނަށް ދަތުރުކޮށްފައިވާ އެޤައުމަށް ނިސްބަތްނުވާ ރައްޔިތުން އެތެރެވުން މަނާކޮށްފައެވެ. އަދި ކެނެޑާއިން ވަނީ މިތިން ޤައުމަށް ނިސްބަތްވާ ރައްޔިތުން 90 ދުވަސް ވަންދެން އެތެރެވުން މަނާކޮށްފައެވެ. ހަމަ އެއާއެކު މެކްސިކޯއިން ވަނީ އެއަރޕޯޓްތަކުގައި އެބޯލާ ސްކްރީނިންގ އިތުރުކޮށް އާންމުން މިޤައުމުތަކަށް ދަތުރުކުރުން މަދުކުރުމާއި އަދި ދަތުރުކުރާ ފަރާތްތައް 21 ދުވަހަށް ކަރަންޓީން ކުރަން ނިންމައިފައެވެ.