ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފ. ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފިއެވެ. އެކަމަނާ މި ދަނޑު ހުޅުއްވައިދެއްވީ މިއަދު ހަވީރު އެރަށަށް ޒިޔާރަތް ކުރައްވާ، ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި އެކަމަނާގެ އަރިހުގައި ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީއާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޙަމީދު އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.
ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅެވުނު ފުޓްސަލް މެޗުގައި ބައްދަލުކުރި ދެ ޓީމަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އަދި އެކަމަނާ ވަނީ މި މެޗުގައި ބައްދަލުކުރި ފ. ނިލަންދޫ އާއި ދަރަނބޫދޫގެ ޢުމުރުން 12 އަހަރުން ދަށުގެ ދެ ޓީމުގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗު ބައްލަވާލައްވައި، ޓީމުތަކަށް ތަރުޙީބުދެއްވާފައެވެ. 0-1 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރީ ފ. ނިލަންދޫގެ ޢުމުރުން 12 އަހަރުން ދަށުގެ ޓީމުންނެވެ.
ފ.ދަރަނބޫދޫއަކީ އަކީ، ފުޓުބޯޅައިގެ އިތުރުން އެހެނިވެސް ކުޅިވަރުތަކުގައިވެސް ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް އެރަށަކަށް އުފަންވެފައިވާ ރަށެކެވެ. ނަމަވެސް، މިއަދު ހުޅުވިގެންދިޔަ ދަނޑަކީ، އެރަށުގައި ޒަމާނީ ފެންވަރެއްގައި ތަރައްގީކުރެވިގެން ހުޅުވި ފުރަތަމަ ފުޓްސެލް ދަނޑުކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ހަވީރު ފ. ދަރަނބޫދޫއަށް ވަޑައިގަތުމުން އެ ރަށުން އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.