ކުޅިވަރު

ޗެމްޕިއަން މިސްކިތްމަގު އެންމެންގެ ގުޅުމަށް ފުރަތަމަ މެޗުން ބަލި


ފުވައްމުލަކު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން މިސްކިތްމަގު އެންމެންގެ ގުޅުން މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. 

ފުރަތަމަ މެޗްގައި މިސްކިތްމަގު އެންމެންގެގުޅުން ބަލިވީ ހޯދަނޑު ސްޕައިކާސްއާ ވާދަކޮށް 3ސެޓު 1ސެޓުންނެވެ. ހޯދަނޑު ސްޕައިކާސް މެޗް ކާމިޔާބުކުރީ، މިސްކިތްމަގު އެއްސެޓް ގެންދިޔަފަހުން ފަހަތުން އަރާ 3ސެޓް ކާމިޔާބުކޮށްގެންނެވެ. މެޗްގެ ފުރަތަމަ ސެޓް މިސްކިތްމަގު ގެންދިޔައީ 25-16އިންނެވެ. ޖެހިގެން އައި ތިންސެޓް ހޯދަޑު ސްޕައިކާސް ކާމިޔާބުކުރީ 25-19، 25-23 އަދި 25-15އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ ހޯދަޑުގެ ސްރީލަންކާ ކުޅުންތެރިއާ ތިލިނީ ވަސަނަ ޕެރޭރާއެވެ.

 ފުވައްމުލަކު ކައުންސިލުން ބާއްވާ މި ފޯރިގަދަ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި 4 ޓީމް ވާދަކުރެއެވެ. މިއިން ކޮންމެ ޓީމެއްގައިވެސް ބިދޭސީ ކުޅުންތެރިން ހިމެނެއެވެ. މިމުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ފިރިހެން ޑިވިޝަންގައި ވާދަކުރާ ފިސްޑާއާއި އައްޑުއަތޮޅު މީދޫ ވޮލީޓީމެވެ. މިރޭ ބައްދަލުކުރާނީ އަންހެން ޑިވިޝަންގެ ދަޑިމަގު ރަނިންނާއި ފިސްޑާއެވެ.