ޚަބަރު

އަންހެންކުދިންނަށް ކުރާ އަނިޔާތައް ފަސްނުޖެހި ރިޕޯޓް ކުރެވެންޖެހޭ


އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ތަކަކީ ޢާއިލީ މައްސަލައެއްގެ ގޮތުގައި ދެކި ރިޕޯޓް ކުރުމުގައި އާއިލާތަކުން ފަސްޖެހެމުންދާތީ، އެކުދިންގެ ޙަޤީޤީ ޙާލަތު ދެނެގަނެ، އެކުދިންނަށް ދިމާވާ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދައި ނުދެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

2011 ވަނަ އަހަރު އދ އިން ފާސްކުރި ޚާއްޞަ ޤާރާރެއްގެ ދަށުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރުމަހުގެ 11 ވަނަ ދުވަސް ފާހަގަކުރަމުން އައިސްފައިވަނީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ "އަންހެން ކުދިން" ގެ ދުވަހުގެ ގޮތުގައެވެ. ޤަރާރެއްގެ ދަށުން އަންހެންކުދިންނަށްޓަކައި ވަކި ޚާއްޞަ ދުވަހެއް ބައިނަލް އަޤްވާމީ ފެންވަރެއްގައި ފާހަގަކުރިން ނިންމީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދިރިއުޅެމުންދާ އަންހެން ކުދިންނަށް އެކި ދާއިރާތަކުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލާ، އަންހެން ކުއްޖަކަށްވީތީ ކުރެވޭ ތަފާތުކުރުންތައް ނައްތާލާ، އެކުދިން ބާރުވެރިކޮށް، ޙައްޤުތައް ކަށަވަރުކޮށް ހަމަ ހަމަކަން ޤާއިމް ކުރުމަށް ބައިނަލް އަޤްވާމީ ފެންވަރެއްގައި މަސައްކަތް ކުރުމެވެ. ރާއްޖެއިންވެސް ވަނީ މިޤަރާރުގައި ބައިވެރިވެ، ތަންފީޒްކުރަން ފަށާފައެވެ.

މިއަހަރުގެ އަންހެން ކުދިންގެ ޝިއާރަކީ "ގަރލްސް ޕްރޮގްރެސް: އަ ގްލޯބަލް ޑޭޓާ މޫވްމެންޓް"އެވެ. މި ޝިއާރުގެ އަމާޒަކީ، އދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމުގައި، އަންހެން ކުދިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަމާއި ގުޅުން ހުރި ތަފާސް ހިސާބުތައް އެއްކުރުމެވެ. އަދި މީގެ އަލީގައި، މިކަމަށް ކުރާ ހޭދަ އިތުރުކޮށް އަންހެން ކުދިންނާ ގުޅުން ހުރި ސިޔާސަތުތައް ކަނޑައެޅުމެވެ. އަދި އަންހެން ކުދިންނަށް ކުރާ ޖިންސީ އަނިޔާތައް ދެނެގަނެ، އެކަމާއި ގުޅުން ހުރި މަޢުލޫމާތު އަންހެން ކުދިންނަށް އެކަށީގެންވާގޮތެއްގައި ފޯރުކޮށްދެއްވުމެވެ. އަދި ޒަމާކީ ޓެކްނޯލޮޖީގެ އެހީގައި، ދެޖިންސުގެ ދެމެދުގައި ކުރެވޭ ތަފާތުތައް ދެނެގަނެ، އަންހެންކުދިންގެ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމެވެ.

ބައިނަލް އަޤްވާމީ އަންހެން ކުދިންގެ ދުވަހާއި ގުޅުވައިގެން، ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު އާއްމުކުރައްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިއަހަރުގެ ތެރޭގައި އެކޮމިޝަނަށް ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، އަންހެންކުދިންނަށް ކުރެވޭ އެކިބާވަތުގެ އަނިޔާއާއި އިހްމާލުގެ މައްސަލަތަކާއި، ހަޟާނާތާއި، ތަޢުލީމު އުގެނުމުގެ މައްސަލަތައް ހިމެނޭކަމަށެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ ޢާއިލާގެ ތެރެއިން އެކުދިންނަށް ދިމާވެފައިހުރި މައްސަލަތަކަށްވީއިރު، މިއީ ޢާއިލީ މައްސަލައެއްގެ ގޮތުގައި ދެކި، އާއިލާތަކުން މިފަދަ ގިނަ ކަންކަން ސިއްރުކޮށް ރިޕޯޓް ކުރުމުގައި ފަސްޖެހިފައިވާކަމަށެވެ. މީގެ ސަބަބުން އަންހެން ކުދިންނަށް ކުރެވޭ އެކި ބާވަތުގެ އަނިޔާ ރިކޯޑް ނުކުރެވޭ ކަމަށާއި، އަންހެން ކުދިންގެ ޙާލަތު ދެނެގަތުމަށް ހުރަސް އެޅިފައިވާކަމަށެވެ. ހަމަ އެއާއެކު އަންހެން ކުދިންނަށް ކުރެވޭ އަނިޔާ ހުއްޓުވުމަށާއި،އެކުދިންނަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމުގައި ކަމާއި ގުޅުން ހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ، އަންހެން ކުދިންނަށް ކުރަމުންދާ އަނިޔާއާއި އިހްމާލުގެ މައްސަލަތައް ފަސް ނުޖެހި، ކަމާއި ގުޅުންހުރި މުއައްސަސާތަކަށް ރިޕޯޓް ކުރުމަށް އާއިލާތަކައް އިލްތިމާސް ކުރައްވާފައެވެ. ހަމައެއާއެކު އަންހެންކުދިންނާއި ގުޅުން ހުރި މިފަދަ މަސައްކަތްތައް ކުރަމުންދާ މުއައްސަސާތަކުގެ މަސައްކަތްތަކުގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، އަންހެންކުދިންގެ ޙައްޤުތައް ކަށަވަރުކޮށް، ދައުލަތުގެ ނިޒާމްގެ ތެރެއިން އަންހެން ކުދިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.