ޚަބަރު

އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ޓީމުތަކާ ޖަރޒީ ހަވާލުކޮށްފި


  • ރާއްޖޭގެ 20 އަހަރުންދަށާއި 18 އަހަރުންދަށުގެ ޓީމު ވާދަކުރޭ

  • މުބާރާތް އޮންނާނީ މިމަހުގެ 10 އިން 14 އަށް ބަންގްލަދޭޝްގައި

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ޓްރޮފީ (އައިއެޗްއެފް)ގައި ވާދަކުރާ ރާއްޖޭގެ 20 އަހަރުންދަށާއި 18 އަހަރުންދަށުގެ ޓީމާ ޖާޒީ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ ޒުވާން ޓީމުތަކާ ޖާޒީ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހަންމަދު ޠަލާލްއެވެ. ޓީމާ ޖާޒީ ހަވާލުކޮށްދެއްވާ ސްޕޯޓްސް ކޮމިޝަނަރވަނީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވާ ގައުމަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތްކޮށްދިނުމަށް ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެހެނިހެން ކުޅިވަރުތަކެކޭ އެއްގޮތަށް ހޭންޑްބޯޅައަކީވެސް މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރަކަށްވާއިރު، ރާއްޖޭގެ ޒުވާން ޓީމުތައްވަނީ ބައިނަލްއަގްވާމީ މައިދާނުގައިވެސް ވާދަކޮށް ރަނގަޅު ތަޖުރިބާތައް ހޯދާފައެވެ. ހުނަރުވެރި ގިނަ އަދަދެއްގެ ޒުވާނުން މި ކުޅިވަރުން އުފެދެމުން އަންނައިރު، މިއީ ކައިރި މުސްތަގުބަލެއްގައި ގައުމަށް ރީތި ނަން ހޯދައިދޭނެ ކުޅިވަރެއްކަމަށް ގަބޫލުކުރެވެއެވެ.

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ޓްރޮފީ (އައިއެޗްއެފް) ޒޯން 2 (ސައުތް ސެންޓްރަލް އޭޝިއާ) ކުރިއަށްދާނީ މިމަހުގެ 10 އިން 14 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

ޝަހީދް ކެޕްޓަން އަލީ އެމް. މަންސޫރް އަލީ ނެޝަނަލް ހޭންޑްބޯލް ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، އިންޑިއާގެ އިތުރުން ޔަމަންއެވެ.

ސަރަހައްދީ ފެންވަރެއްގައި ހޭންޑްބޯޅަ ކުރިއަރުވާ، ދޭދޭ ގައުމުތައް މި ކުޅިވަރުން ގުޅުވާލުމަކީ މިމުބާރާތް ބޭއްވުމުގެ މަގްސަދުކަމަށް ދުނިޔޭގެ ހޭންޑްބޯޅައިގެ މައި އިދާރާ (އައިއެޗްއެފް) އިންވަނީ ބުނެފައެވެ.