ޚަބަރު

އުތުރަށް މިރޭ 10އާ ހަމައަށް ހުދު ސަމާލު


  • ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅަށް

  • މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވޭ

  • ކަނޑުގަދަވެފައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މިރޭ 10:00 އާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅަށެވެ. ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހަވީރު 4:00 އިން ފެށިގެން މިރޭގެ 10:00 އާ ހަމައަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. މީގެއިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއްވައެެވެ.

އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ، އިލްތިމާސް ކުރައްވާފައެވެ.