ޚަބަރު

"ގަރލްސް ލީޑް" ގެ ނަމުގައި ޚާއްޞަ ޙަރަކާތެއް ބާއްވައިފި


ބައިނަލް އަޤްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން،މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން "ގަރލްސް ލީޑް" ގެ ނަމުގައި މިއަދު ޙަރަކާތެއް ބާއްވައިފިއެވެ.

މި ޙަރަކާތުގެ ތެރެއިން، އުމުރުން 16 އަހަރާއި 17 އަހަރާއި ދެމެދު އުމުރު ފުރާގެ 27 އަންހެން ކުދިންނަށް މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދެއްވާފައެވެ. "ގާލްސް ލީޑް" ގެ ނަމުގައި މިއަދު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިޔަށްގެންދެވި ޙަރަކާތަކީ، ބައިނަލް އަޤްވާމީ ފެންވަރެއްގައި މިއަދު ފާހަގަކުރަމުންދާ "އަންހެން ކުދިންގެ ދުވަސް" ރާއްޖޭގައި ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަރަކާތެކެވެ.

ޖެންޑަރ މިނިސްޓްރީން އިންތިޒާމްކުރައްވައިގެން ވަނީ ރާއްޖޭގެ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ އަންހެން ބޭފުޅުންނާއެކު މަސައްކަތްކޮށްލުމުގެ ފުރުޞަތު 27 ކުއްޖަކަށް ހޯއްދަވައިދެއްވާފައެވެ. އަންހެންކުދިން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިޔަށްގެންދެވި މި ޙަރަކާތުގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، މީޑިއާފަދަ ތަފާތު ދާއިރާތަކުގައި ފާހަގަކޮށްލެވޭ އަންހެން ބޭފުޅުންނާއެކު އެއްދުވަހުގެ މަސައްކަތް ތަޖުރިބާ ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާފައިވެއެވެ.

tw:https://twitter.com/Min_Gender/status/785720207184572416

ޖެންޑަރ މިނިސްޓްރީން މަޢުލޫމާތު ދެއްވިގިތުގައި، މިޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ، އަންހެންކުދިންގެ ލަނޑުދަނޑިތަކާއި، އުންމީދުތަކަށް ވާޞިލްވުމަށް، އަދި ޚާއްޞަކޮށް އެކި ދާއިރާތަކުގައި ސިޔާސަތު ކަނޑައަޅާ ފެންވަރުގެ ވަޒީފާތަކާ ހަމަޔަށް ދިއުމަށް އެކުދިންނަށް ހިތްވަރުދީ ބާރުވެރި ކުރުވުމެވެ.

މިއަދު ހެދުނު 08:30 އިން ފެށިގެން 14:00 އާއި ހަމައަށް މިކުދިން ވަޒީފާގެ މައިދާނުގައި ތަޖުރިބާ ހޯދާފައިވާއިރު، މިއަދު މެންދުރުފަހު ވަނީ މިކުދިންގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުޞަތުވެސް ދީފައެވެ.

މިއަދުގެ ޙަރަކާތުގައި ބައިވެރިވި ކުދިންނަށް ހަދާނީ ލިޔުން ޙަވާލުކުރެއްވުމަށް ޖެންޑަރ މިނިސްޓްރީގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، މާދަމާގެ ލީޑަރުންގެ ގޮތުގައި، މިޖީލުގެ އަންހެން ކުދިން، ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެންނާނޭކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި މިއަދުގެ ކުރިޔަށް ގެންދެވި "ގާލްސް ލީޑް" ޙަރާކާތުގައި ބައިވެރިވި ކުދިންނަށް އަންހެން ކުދިން ބާރުވެރިވުމުގެ މުހިންމުކަން ދެނެގަނެވި، ދަސްވި އެއްޗެއްގެ ބޭނުން އެކުދިން ހިފާނޭކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ޙަރަކާތުގައި ބައިވެރިވެފައިވަނީ، މާލޭގައި ހިންގާ ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ހޮވާލެވުނު ކުދިންތަކެއް ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން މަޢުލޫމާތު ދެއްވައެވެ.