ޚަބަރު

ސޯޝަލް މީޑިއާ މަނާކުރުން، ޅަދަރިންގެ މުސްތަޤުބަލަށް ހަރުދަނާ ފިޔަވަޅެއް!


  • ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ވަނީ ނިންމަވާފައި

  • ކުރިއަށްއޮތް 1އަހަރުތެރޭ ޢަމަލުކުރަން ފަށާނެކަމަށް ވިދާޅުވި

  • މިއީ، ޒުވާނުންގެ ރައްކާތެރިކަމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި

މީސްމީޑިއާއަކީ މައުލޫމާތާއި، މުނިފޫހިފިލުވުމުގެ ތަފާތު މަންޒަރުތަކާއި ވީޑިއޯތަކުން މުއްސަނދިވެފައިވާ ވަސީލަތެކެވެ. އެކި އެޕްލިކޭޝަންތަކުގެ ޒަރިއްޔާއިން މިލިޔަނުން މީހުން މީސްމީޑިއާއަށް ދެވިހިފާފައިވާއިރު، މީގެ ސަބަބުން އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

ދުނިޔޭގެ ނިސްބަތަށް ބަލާއިރު، ހަގު އުމުރުން ފެށިގެން އުމުރުން ދުވަސްވީ މީހުންނާ ހަމައަށް މީސްމީޑިއާގެ އެކި މަންސަތައް ބޭނުންކުރުން އަންނަނީ މަނާކުރަމުންނެވެ. ޚާއްސަކޮށް، ކުޑަކުދިން މީސްމީޑިއާގައި ހޭދަކުރާ ވަގުތު އިތުރުވަމުން ދިއުމަކީ މުޅި ދުނިޔެވެސް މިއަދު ކަންބޮޑުވާ ބޮޑު މައްސަލައެކެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، މިއީ ބެލެނިވެރިންނާއި ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ ބޮޑު ކަންބޮޑުވުމެކެވެ. މީސްމީޑިއާ ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، އޭގެ ނޭދެވޭ ނަތީޖާއެއްގެ ގޮތުން ކުޑަކުދިން "ގްރޫމް" ކުރުމާއި، އެކައުންޓުތައް ހެކްކުރުމުގެ އިތުރުން ތަފާތު އިޖުތިމާއީ ޖަރީމާތައް އަންނަނީ އިތުރުވަމުންނެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ޝައުޤުވެރިކަން ދަމައިގަންނަ ފަދަ ގޮތްގޮތަށް އެޕްލިކޭޝަންތައް ފަރުމާކޮށްގެން އެކި ބާވަތުގެ ކުށްތަކަށް މަގުފަހިކުރަމުންދެއެވެ.

މީސްމީޑިއާގެ ނުރައްކާ ބޮޑުވެފައިވާ މިންވަރު ހާމަވަނީ، ބައެއް ޤައުމުތަކުން ވަކި އުމުރަކުން ދަށުގެ ކުދިންނަށް މީސްމީޑިއާ ބޭނުންކުރުން މަނާކުރަން ފެށުމުންނެވެ. އެގޮތުން، 2025ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، އުމުރުން 16 އަހަރުން ދަށުގެ ކުދިން މީސްމީޑިއާ ބޭނުންކުރުން މަނާކުރި ދުނިޔޭގެ ފުރަތަމަ ޤައުމަކީ އޮސްޓްރޭލިއާއެވެ. އެ ޤައުމުން ވަނީ ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް، ޓިކްޓޮކް އަދި އެކްސް ފަދަ މަންސަތައް ކުޑަކުދިންނަށް ބޭނުންކުރުން މަނާކޮށްފައެވެ. ނަމަވެސް، ވަޓްސްއެޕް އަދި ޔޫޓިއުބް ކިޑްސް ފަދަ ވަސީލަތްތައް މި މަނާކުރުމުގެ ތެރޭގައި ނުހިމެނެއެވެ.

އޮސްޓްރޭލިއާގެ އިތުރުން މެލޭޝިއާއިންވެސް ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކޮށްފައެވެ. މީގެއިތުރުން ޑެންމާކް، ފްރާންސް، އިންޑޮނޭޝިއާ އަދި ސްޕެއިން ފަދަ ޤައުމުތަކުންވެސް ދަނީ، މިފަދަ ޤާނޫނުތައް ފާސްކުރުމަށް ބަހުސް ކުރަމުންނެވެ.

ތަރައްޤީވެފައިވާ ބައެއް ގައުމުތަކެކޭވެސް އެއްފަދައިން ރާއްޖެއިންވަނީ، ކުޑަކުދިންނަށް ކުރިމަތިވެފައިވާ މި ދެވިހިފުމުގެ ވަބާއިން ސަލާމަތްކުރުމަށް، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްލިކޭޝަންތަކެއް ބޭނުންކުރުން މަނާކުރުމަށް ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިކަން މިގޮތަށް ނިންމަވާ އިއުލާނުކުރެއްވީ މިމަހުގެ 1ގައެވެ.

މި ސިޔާސަތު އެކުލަވާލުމުގައި އޮސްޓްރޭލިއާއިން މިހާރު އަމަލުކުރަމުންދާ އުސޫލުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ކަމާގުޅޭ ބައިނަލްއަޤުވާމީ ކުންފުނިތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

"ކުރިއަށް އޮތްތަނުގައި މިކަމާއި ގުޅޭ މަސައްކަތްތައް ނިންމާ، އުންމީދުކުރަނީ ގިނަވެގެން 1 އަހަރު ނުވަތަ އެއައްވުރެއްވެސް އަވަހަށް މިއަހަރު ތެރޭގައި އަމަލީ ގޮތުން އެންފޯސް ކުރެވޭނެ ކަމަކަށް 16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓޭލިއާގައި އޮތް ނިޒާމެއްގެ ތެރެއިން ސޯޝަލް މީޑިއާގެ އެޕްތައް ބޭނުންކުރުމުގައި ބޭން ކުރުމުގެ ކަންކަން ކުރުން. އޭގެ މާނައެއް ނޫން ޑިޖިޓަލައިޒޭޝަނާއި ދުރަށް ދިއުމެކޭ. އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކީ މޯލްޑިވަސް 2.0" ރައީސް ވިދާޅުވިއެވެ.

މިފަދަ ނިންމުންތަކެއް ނިންމުމަކީ، ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީސްމީޑިއާގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ކުޑަކުދިން ސަލާމަތް ކުރުމަކީ، ގައުމުގެ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ބައެއް ބެލެނެވެރިންވެސް ފާހަގަކުރައްވައެވެ.

ކަންމިހެން އޮތް އިރު، ސަރުކާރުގެ ފެންވަރުގައާއި ފަރުދީ ފެންވަރުގައިވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ މިއަދު ކޮންމެ ބެލެނިވެރިއެއްގެވެސް އުންމީދެވެ.