ޚަބަރު

އަދިވެސް އަމާޒަކީ ހަމަ ފައިނަލް: ބަންގްލަދޭޝް ކޯޗު


  • މިއީ ތަޖުރިބާ ދަތުރެއް ނޫންކަމަށް ބުނާ ބުނުން ތަކުރާރުކުރި

  • ރަނގަޅުކުރަންޖެހޭ ކަންކަން ކުރިއަށް އޮތް މެޗުގައި ރަނގަޅުވާނެކަމަށް ބުނި

މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ބަންގްލަދޭޝް ޓީމުގެ މިސްރާބު އަދިވެސް ހުރީ އެ ޓީމުގެ އަމާޒާ ދިމާލަށް ކަމަށާއި ޓީމުގައި ހުރި ރަނގަޅުކުރަން ޖެހޭ ކަންކަން ކުރިއަށްއޮތް މެޗުގައި ހައްލުވާނެކަމަށް ގަބޫލުކުރާ ކަމަށް، ބަންގްލަދޭޝްގެ ކޯޗު މަރްފުލް ހައްކު ބުނެފިއެވެ.

މުބާރާތުގައި އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ބުނީ، މީޑިއާ އިން ދައްކަމުން އައި ވާހަކަތަކާ ހިލާފަށް ބަންގްލަދޭޝް ޓީމުން މުބާރާތަށް އައިސްފައިވަނީ މުބާރާތުގެ ފައިނަލުގައި ކުޅެ، ތަށި ހިފައިގެން ދިއުމުގެ ވަރަށް ވަރުގަދަ އަޒުމަކާއި އަމާޒަކާއެކު ކަމަށާއި އަދިވެސް އެ އަމާޒު ހާސިލުވުމުގެ އުންމީދު އެބައޮތް ކަމަށެވެ. ނަމަވެސް، އެކަން ހާސިލުކުރުމަށްޓަކައި ޓީމުގައި ރަނގަޅުކުރަން ޖެހޭ ބައެއް ކަންކަން ހުރިކަން ފާހަގަކޮށް ކޯޗު ބުނީ، ކުރިއަށް އޮތް މެޗުގައި އެކަން ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަރުމެން މިކޮޅަށް އައި އިރުވެސް އަހަރެން ބުނިން، އަހަރުމެންގެ އަމާޒަކީ ފައިނަލުގައި ކުޅެ، ޗެމްޕިއަންކަން ހޯދުމޭ. އަހަރެން ގަބޫލުކުރަނީ އަދިވެސް އަހަރުމެނަށް މި ދެވެނީ ރަނގަޅު މިސްރާބަށް ކަމަށް. ބައެއް މިސްޓޭކުތައް އެބަހުރި. އެކަމަކު ކުރިއަށް އޮތް މެޗުގައި އެކަންތައް ހައްލުކުރެވޭނެ ކަމަށް ދެކެނީ." ބަންގްލަދޭޝްގެ ކޯޗު، މަރްފުލް ހައްކު ބުންޏެވެ.

ކޯޗު ވަނީ ބަންގްލަދޭޝް ކުޅުންތެރިން އަފްޣާނިސްތާނާ ދެކޮޅަށް ދެއްކި ކުޅުމަށް ތައުރީފުކޮށް، މެޗުގެ ގޭމްޕްލޭނާ އެއްގޮތަށް ވަރަށް ރަނގަޅަށް ކުޅެފައިވާކަން ފާހަގަކޮށްފައެވެ.

ޕާކިސްތާނު މެޗުގައި ރަތް ކާޑެއް ދެއްކުމުގެ ސަބަބުން ދެވަނަ މެޗުގައި ނުކުޅެވުނު ޓީމުގެ ކެޕްޓަން، ރާއްޖެއާ ދެކޮޅަށް ފެންނާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ކޯޗު ބުނެފައިވަނީ މިއަދު ބޭނުންކުރި ޑިފެންސްލައިން ބޭނުންކުރުންވެސް އެކަށީގެންވާ ކަމަށާއި، ކެޕްޓަން އަލުން ސްކޮޑުގައި ހިމެނުންވެސް އެކަށީގެންވާ ކަމަށެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ބާކީ އޮތީ މާދަމާ ހަވީރު 1600 ގައި ޕާކިސްތާނާއި އަފްޣާނިސްތާނު ބައްދަލުކުރާ މެޗާއި މާދަމާރޭ 2100 ގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗެވެ. އެއަށްފަހު ފައިނަލް މެޗު އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ، 2100 ގައެވެ.