ޚަބަރު

ގްރޭޓަރ މާލެ އޭރިއާގެ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފި


  • 156 ފުލުހުންނަށް ޝަރަފުގެ ނިޝާން ލިބިފައިވޭ

  • އޭގެ ތެރޭގައި 28 ކޮމިޝަންޑު އޮފިސަރުން ހިމެނޭ

ގްރޭޓަރ މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮޮލިސް ފަރުހާދު ފިކުރީއާއި، މި ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަންޑު އޮފިސަރުންނަށް ޝަރަފުގެ ނިޝާން ޙަވާލުކޮށްދެއްވީ، ދާހިލީ ސަލާމަތާއި ބެހޭ ވަޒީރެވެ.

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ ފުލުހުންނަށް ޝަރަފުގެ ނިޝާން ޙަވާލުކޮށްދެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. ސީނިއަރ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ ފުލުހުންނަށް ޝަރަފުގެ ނިޝާން ޙަވާލުކޮށްދެއްވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން 156 ފުލުހުންނަށް ޝަރަފުގެ ނިޝާން ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، 28 ކޮމިޝަންޑު އޮފިސަރުންނާއި، ސަބު އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ 61 ފުލުހުންނާއި، ސީނިއަރ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ 67 ފުލުހުންނެވެ.