ޚަބަރު

"އިކޮސޮކްގެ ގޮނޑިއަކީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް"


  • މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވި

އ.ދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް، އިކޮސޮކްގެ ގޮނޑިއަކީ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުން ބޭނުންވާ ކަންކަމުގައި ވަކާލާތުކުރުމަށް ރާއްޖެއަށް ލިބުނު އިތުރު ބާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އ.ދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ އިންތިޚާބުވުމާއި ގުޅިގެެނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އދ.ގެ މެންބަރަކަށް ރާއްޖެވިތާ 60 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، 2027 އިން 2029 އަށް އދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އީކޮސޮކް) ގެ މެންބަރުކަމަށް ރާއްޖެ މިއަދު ވަނީ އިންތިޚާބުވެފައިކަމަށެވެ. އެެެހެންކަމުން މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފަޚުރުވެރި، މުހިންމު ދުވަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ކާމިޔާބީއަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް އޮތް އިތުބާރާއި، ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި އިގްތިސާދީ ގޮންޖެހުންތަކުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއަށް ހުރި ހުރަސްތައް ރާއްޖެއަށް ވަރަށް ރަނގަޅަށް އެނގޭކަމަށާއި، އީކޯސޮކްގެ ގޮނޑިއާއެކު، ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އުންމީދުތަކާއި އިސްކަންދޭ ކަންކަމުގައި ވަކާލާތު ކުރުމަށް ރާއްޖެއަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، އިންސާފުވެރި މާލީ ނިޒާމެއް ގާއިމުކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެކަމަށެވެ އަދި އީކޯސޮކް މެދުވެރިކޮށް، ގައުމުތަކުގެ ކުރިމަގު ބައްޓަންކުރުމުގައި ހަރުދަނާ ނަތީޖާތަކެއް ނެރުމަށް ރާއްޖެއިން އިސްދައުރެއް އަދާކުރާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.