ޚަބަރު

"ސަބްސިޑީއަށް ގެންނެވި ބަދަލަކީ ސިޔާސީ ފިޔަވަޅެއް ނޫން"


ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދިނުމުގެ އުސޫލަށް ސަރުކާރުން ގެންނެވި ބަދަލަކީ ސިޔާސީ ފިޔަވަޅެއް ނޫންކަމަށާއި، އެއީ އިޤްތިޞާދީ ރިފޯމެއް ގެނައުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ސަބްސިޑީ ދިނުމުގެ އުސޫލަށް ސަރުކާރުން ގެންނެވި ބަދަލާއި ކާޑުގެ އަގަށް ސަރުކާރުން ގެންނެވި ބަދަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުވަނީ ޙާޟިރު ކުރައްވާފައެވެ. ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، އައިއެމްއެފާއި ވޯލްޑް ބޭންކުފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއަށް އަބަދުވެސް ބާރުއަޅަމުން އައިސްފައިވަނީ ސަބްސިޑީ އޭގެ އެންމެ ހައްޤުވެރިންނަށް ދިނުމަށްކަމަށެވެ.

މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ރާއްޖެއަށް އިޤްތިޞާދީ އިންގިލާބެއް ގެނައުމުގެ މަސައްކަތްކަމަށާއި، އެގޮތުން ކާޑުގެ ސަބްސިޑީ ދިނުމުގެ އުސޫލަށް ގެންނެވި ބަދަލަކީ އިޤްތިޞާދީ ފިޔަވަޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މިހާރު ކުރައްވަމުންގެންދަވާ މި މަސައްކަތަކީ ސަބްސިޑީ ރިފޯމްކުރުމުގެ މަސައްކަތްތަކަށާއި، މިއީ އޭގެ އެންމެ ފުރަތަމަ މަރުހަލާކަން މިނިސްޓަރ މުނައްވަރު ފާހަގަކުރެއްވިއެވެ. ކާޑުގެ ސަބްސިޑީ އޭގެ ހައްޤުވެރިންނަށް ވަރަށް އަވަހަށް ދެވޭނެކަމުގައި ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ކާޑުގެ ސަބްސިޑީއަށް ގެންނެވި ބަދަލުން ކުރިއަށް އޮތް ދުވަސްތަކުގައި އޭގެ ފައިދާ ހުރިހާ ރައްޔިތުންނަށް ކުރާނެކަމަށެވެ. އެގޮތުން ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްވެ ރައްޔިތުންގެ ބޮލަކަށްޖެހޭ މިންވަރު އިތުރުވެގެންދާ މަންޒަރު ފެނިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ސައީދުވެސް ވަނީ ސަބްސިޑީ އޭގެ ހައްޤުވެރިންނަށް ދިނުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ބާރުއަޅުއްވާކަން ތަކުރާރުކޮށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، ސަބްސިޑީއަށް ކަނޑައަޅުއްވާފައިވާ ޢަދަދުގެ ތެރެއިން 40 އިންސައްތަ ޚަރަދުވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަކަމަށެވެ. އެހެންކަމުން މިއީ ސަރުކާރުގެ ހަރުދަނާ ނިންމުމެއްކަން ފާހަގަކުރައްވަމުން، މިއަހަރުގެ މިހާތަނަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި 225 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓާރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.މިނިސްޓަރ ސަޢީދު ވިދާޅުވީ ކާޑުގެ ސަބްސިޑީ ދިނުމުގެ އުސޫލަށް ބަދަލު ގެންނެވީ ސިޔާސީ ގޮތުން ލިބޭނެ ގެއްލުންތައް އެނގިވަޑައިގެންތިބެކަމަށާއި، އެއީ ކޮންމެހެންކުރަން ޖެހިވަޑައިގަންނަވާކަމަށްވާތީކަމަށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރުގެ އިތުރުން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރާއި ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރާއި އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލްވެސް ހާޒިރުކޮށްފައިވެއވެެ.