މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއިން ލ. ކަލައިދޫގައި އައު އޭޓީއެމްގެ ޚިދުމަތް މިއަދު ތަޢާރަފުކޮށްފިއެވެ.
މި އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު ޢިސްމާއިލް ޝަފީޢުއާއި، އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި، ކަލައިދޫ ކައުންސިލުގެ ރައީސް އަޙްމަދު ޝިޔާމެވެ.
އެމްއައިބީއިން ވިދާޅުވީ، މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އަލަށް ޤާއިމުކުރި މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި، ނެގުމުގެ ޚިދުމަތް ލ. އަތޮޅުގެ ބޮޑު އާބާދީއެއް އޮންނަ އިސްދޫ ކަލައިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށްވެސް އެ ބޭންކުން ވިދާޅުވެއެވެ.
އެމްއައިބީން ވިދާޅުވީ، މި އޭޓީއެމް ޚިދުމަތް ފަރުމާކޮށްފައިވަނީ ބޭންކިން ނިޒާމް ފަސޭހަކޮށްދީ، ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދޭނެ ގޮތަށް ކަމަށެވެ. އަދި މާލީ ޚިދުމަތް ދިނުން ފުޅާކުރުމުގެ ގޮތުން އެ ބޭންކުން މުޅި ރާއްޖޭގައި އޭޓީއެމް އަދި ސެލްފް ސާރވިސް ބޭންކިންގ ނެޓްވޯކް ޚިދުމަތް ތަޢާރަފު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.