މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިންގ ކޯޕަރޭޝަން، މިފްކޯ އަކީ ޒަމާނުއްސުރެ ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.
ސީއީއޯ އަނަސް މިހެން ވިދާޅުވީ ކުންފުނީގެ ސެންޓަރުތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވިވާހަކައިގައެވެ.
އަނަސް ވިދާޅުވީ މިފްކޯއަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެފައި، ކުންފުނި ހިންގުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެނައުމަކީ އޭނާގެ މައިގަނޑު ތަޞައްވުރު ކަމަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، އެކަން ކުރެވޭނީ ކުންފުނީގެ އާމްދަނީ އިތުރު ކުރެވިގެން ކަމަށެވެ. އެހެންކަމުން ކުންފުނީގެ މާލީ ޤާބިލްކަން އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމަށް މެނޭޖްމަންޓުން ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ. މިގޮތުން މެނޭޖްމަންޓުން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައި ކޮށް، އައު މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ އިތުރު ގޮތްތަކެއް ހޯދަން މަސައްކަތް ކުރާނެކަމަށް ސީއީއޯ އަނަސް ވިދާޅުވިއެވެ.
ސީއީއޯ އަނަސް ވަނީ ގެންނަން ނިންމާފައިވާ ބަދަލުތަކުން ހެޔޮ ނަތީޖާ ފެންނާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ހުރިހާ މުވައްޒަފުން ވެސް މަސައްކަތުގެ އަޚްލާޤު ހިފައްޓައި، އެއް ޓީމެއްގެ ގޮތުގައި މަސައްކުރުމަށް ސީއީއޯ އެދިވަޑައިގެންފައެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މެނޭޖްމަންޓުން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އަނަސް ގެންދަވަނީ މިފްކޯގެ އެކި ސެންޓަރުތަކަށް ޒިޔާރަތްކޮށް، އެތަންތަނުގެ ހާލަތު ބައްލަވައި މުވައްޒަފުންނާ ބައްދަލުކުރައްވަމުންނެވެ. މިގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހާލަތު ބައްލަވައި، ރަނގަޅު ކުރަން ހުރި ކަންކަމަށް ފިޔަވަޅު އަޅުއްވަން މިހާރު ވަނީ ފައްޓަވާފައެވެ.
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހާލަތައް ބަލާއިރު އެމްޓީސީސީން ކޫއްޑޫގައި ކޫއްޑޫގެ މަސްބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 56 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މިބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.