ޚަބަރު

"ގަރލްސް ލީޑް" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފައްޓަވައިފި


ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މިއަދު "ގަރލްސް ލީޑް" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށައިގެން ކުރިޔަށް އެބަ ގެންދަވައެވެ.

މި ޕްރޮގްރާމާއި ބެހޭ ގޮތުން ޕީ.އެސް.އެމް ނިއުސްއަށް މައްލޫމާތު ދެއްވަމުން، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، "ގަރލްސް ލީޑް" ގެ ނަމުގައި މިއަދު ކުރިޔަށްގެންދަވާ މި ޕްރޮގްރާމްގައި، ރާއްޖޭގެ ހުރިހާ ޔުނިވާސިޓީއެއް ހިމެނޭ ގޮތައް އުމުރުން 16 އަހަރާއި 17 އަހަރާއި ދެމެދުގެ 35 ކުދިން ހޮވާ، އެ ކުދިންނަށް މަސައްކަތު ތަޖްރިބާ ކުރުމުގެ ފުރުޞަތު މިނިސްޓްރީން ފަހިކޮށްދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމްގެ ސަބަބުން، އަންހެން ކުދިންނަށް، ލީޑަރޝިޕް ނެގުމާއި، މަސައްކަތުގެ މާޙައުލުގައި ހުރި ފުރުޞަތުތަކާއި، އަންހެނުންނަކީވެސް ބާރުވެރި، މުޖުތަމައުގައި ޤަދަރުވެރި ބައެއްގެ ގޮތުގައި މި ކުދިންނަށް ދެނެގަނެވޭނޭ ކަމަށެވެ.

މިއަދު ފާހަގަކުރާ އަންހެންކުދިންގެ ދުވަހާއި ގުޅުވައިގެން ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އަންހެން ކުދިންނަށް ކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތަކަކީ އާއިލީ މައްސަލަތައް ކަމުގައި ދެކި، އެ މައްސަލަތައް ރިޕޯޓް ކުރުމަށް އާއިލާތަކުން ފަސް ޖެހެމުންދާކަން އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމުގެ ސަބަބުން އަންހެން ކުދިންނަށް ދިމާވާ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމުގައި ހުރަސް އެޅިފައިވާ ކަމަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާއި އިހުމާލުގެ މައްސަލަތައް ފަސްޖެހުމެއް ލަސްކުރުމެއް ނެތި ކަމާގުޅުންހުރި މުއައްސަސާތަކަށް ރިޕޯޓް ކުރުމަށްވެސް ހިއުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސް ކުރައްވާފައިވެއެވެ.