ޚަބަރު

އެމް.އެމް.ޕީ.އާރު.ސީގެ މައްސަލައިގައި ރައީސް މަޢާފަށް އެދިއްޖެ


އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ދިވެހި ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމް މައާފަށް އެދިވަޑައިގެންފިއެވެ.

ފުވައްމުލަކުގައި ނަރުދަމާ އިފްތިތާޙު ކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް ހިނގާފައިވަނީ މިޒަޢާމަތުގައި ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ކިބައިން އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަކަމެއް ތަކުރާރުނުވާނޭ ގޮތަށް ކަންކަން ރައްވާވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތާރީޙުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ ވާހަކައާއި ޑރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގެ ވާހަކަ ދެއްކުމަށް ސަރުކާރުން ހުރަސް ނާޅުއްވާނެ ކަމަށެވެ. އަދި އެވާހަކަތައް ދައްކަންވީ ކަމަށާއި އެހެންނަމަވެސް ގަޒުފުގެ ހައްދެއް އަންނަ މިންވަރަށް މީހުންގެ އަބުރާއި ބެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެވާހަކަތައް ދެއްކުމުގައިވެސް ހުދޫދެއް އޮންނާނެކަން ފާހަގަކުރައްވާ މީހުންގެ އަބުރާ ބެހުމަށް މި ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވިއެވެ.